މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކުރި މީހާގެ ފުރަގަސްފަރާތުގައި ފޮރުވާފައި އޮތް ދެ ސައިކަލެއްގެ ތަޅުދަނޑި ހޯދައި، އެ ސައިކަލުތަކުގައި ރައްކާކޮށްފައިހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައިގެ ކޯޓު މަރުހަލާގައި އެ ތަކެތި އަތުލައިގަނެފައި ވަނީ މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށް، އޭނާގެ ހަށިގަނޑު ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ސެލްޓަން، ސ، ހުޅުދޫ / މުޙައްމަދު ރަޝީދު (49އ)އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރު ނެރެފައިވެއެވެ.
އެ ކޯޓު އަމުރުގައިވާ ގޮތުން، ފުލުހުން އޭނާ ހުއްޓުވައި ބަލައި، ފާސްކޮށްފައި ވަނީ ފުލުހުން ފެނުމުން އޭނާގެ އަމަލުތައް ހުރި ގޮތުން ފުލުހުންނަށް ޝައްކު ކުރެވިގެންކަމަށެވެ. އަދި ސައިކަލުގެ މަޑި ދަށް ބަލައި، ފާސްކުރުމުން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިވާ ޕެކެޓްތަކެއް ފެނިފައިވާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
އެ ތަކެތީގެ ތަހްލީލުގެ ނަތީޖާ ދައްކާ ގޮތުން 161.52 ގްރާމް ކެނަބިސް، ޖަދުވަލު 1 ގައިވާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް 48.8 ގްރާމް އަދި 17 ގްރާމް ޑައިމޯފިން އެ ދެ ސައިކަލު މަޑިދަށުން ފެނިފައިވެއެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި ވެސް ކެނެބިސްއަށް ޕޮޒިޓިވް ކަމަށް ބުނެފައިވެއެވެ.
މުޙައްމަދު ރަޝީދު ދިރިއުޅޭ ގެ، ބަލައި، ފާސްކުރިއިރު މަސްތުވާތަކެތި ރައްކާކޮށްފައިވާ ސައިކަލުތައް ފެންނާނެހެން ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރި ކަމަށާއި އެ ކެމެރާތަކުގެ ހާޑް ޑިސްކް ނައްތާލަން ވެސް މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ. އަދި އެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެ ސަރަހައްދަށް ފުލުހުން ދިޔައިރު، އޭނާގެ ދޮންދަރިއަކު ދަބަހެއް ހިފައިގެން ނުކުންނަނިކޮށް ފެނުނު ކަމަށާއި އޭނާ ހުއްޓުވައި ފާސްކުރި އިރު އެ ދަބަހުގެ ތެރެއިން ހާޑް ޑިސްކާއި ޕެންޑްރައިވްތަކެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރި އިރު ވެސް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހޭކިފައި ހުރި ތަކެތި ފެނިފައިވެއެވެ.
މި މައްސަލައިގައި ހެކީގެ ގޮތުގައި މާލޭ ކަސްޓަޑީ ހާދިސާގެ ރިޕޯޓު ހުށަހަޅާފައި ވާއިރު އޭގައި ބުނެފައި ވަނީ އޭނާ ގޮޅިއަށް ވެއްދުމުގެ ކުރިން ގާތުން ބަލައިފާސްކުރުމުގެ ތެރޭގައި، ފުރަގަސްފަރާތުގައި އެއްޗެއް ރައްކާކޮށްފައި ހުރިކަމަށް ތުހުމަތުކުރެވިގެން އެ ނަގައިދިނުމަށް ފުލުހުން އެދުމުން އޭނާގެ ފުރަގަސް ފަރާތުން ދެ ތަޅުދަނޑި ނަގައި ފުލުހުންނާ ހަވާލުކުރި ވެސް ބަޔާނުގައިވެއެވެ.



