ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚުލާސްތެރިކަމާއެކު ޚިދުމަތްކުރެއްވި، ސީނިއާ ސާޖަންޓް އަޙްމަދު އާސިފް ދެއްކެވި ނަމޫނާ މަސައްކަތާއި، މަސައްކަތަށް ބެހެއްޓެވި ފަރުވާތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން، އޭނާއަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކް އަރުވައިފައެވެ.
އާސިފް ނިޔާވީ ރޭ ދަންވަރު ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށެވެ. އޭނާގެ ވަކިވެދިއުމަކީ ފުލުހުންގެ މުއައްސަސާއަށާއި، މި ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށްް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
އާސިފަށް އެރުވި މަގާމުގެ ކުރިއެރުމަކީ، މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމުގައި އަޙްމަދު އާސިފް އަދާކުރެއްވި އިޚުލާސްތެރި ދައުރާއި، ކުރެއްވި މަތިވެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު ޝަރަފެއް ކަމަށާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި އަޙްމަދު އާސިފް ދެއްކެވި ނަމޫނާއާއި، ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އަބަދުވެސް އާކުރެވޭނީ ނުހަނު އިހުތިރާމާއެކުގައިަކަމަށް އެޚިދުމަތުން ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވަނީ ނިޔާވި އާސިފްގެ އާއިލާއަށާއި، ލޯބިވާ ފަރާތްތަކަށް، އަދި ރަހުމަތްތެރިންނާއި އެކުގައި މަސައްކަތްކުރެއްވި އެންމެހާ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވާފައެވެ.
ފުލުހުން މައުލޫމާތު ދެއްވާގޮތުގައި އާސިފް ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ”ޕޮލިސް ލޯންޗް 57“ ގައި ހަރަކާތްތެރިވަމުންދަނިކޮށް ކަމަށެވެ.
އެގޮތުން އެ ލޯންޗުގައި ތިބި ފުލުހުންގެ ތެރެއިން އޭނާ ގެއްލުނު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ފެނުނީ މޫދު އަޑިން ކަމަށް ވެސް ވިދާޅުވިއެވެ.



