ކަނޑުމަތީގެ އޮޕަރޭޝަނެއްގައި އުޅެނިކޮށް މިއަދު ނިޔާވި ޕޮލިސް އޮފިސަރު ހޯދައި، ހަށިގަނޑު މޫދުން ނެެގުމުގައި ހަރަކާތްތެރިވި ޑައިވަރުންނަށް ޕޮލިސް ކޮމިޝަނަރު އަޙުމަދު މުޙައްމަދާއި ހޯމް މިނިސްޓަރު އަލީ އިހުސާން ޝުކުރު އަދާކުރައްވައިފިއެވެ.
ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރި ވަނިކޮށް، ގެއްލިގެން ހޯދަމުން ދަނިކޮށް، މޫދު އަޑީގައި ނިޔާވެފައި އޮއްވާ ރޭ ދަންވަރު ފެނުނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއާ ސާޖަންޓް އަޙްމަދު އާސިފެވެ.
ފުލުހުން މިއަދު ހެނދުނު ބުނީ، ރޭ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ”ޕޮލިސް ލޯންޗް 57“ ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިފައިވާ ކަމަށެވެ.
މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށާއި އޭނާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން، އެ ފުލުސް މީހާ މޫދު އަޑިން ފެނިފައިވާ ކަމަށް ފުލުހުން އޭރު ބުންޏެވެ. އަދި، އޭނާގެ ހަށިގަނޑު އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޭނާ އޮތީ ނިޔާވެފައި ކަމަށް ފުލުހުން ބުންޏެވެ.
އޭގެފަހުން ފުލުހުން ވަނީ، އާސިފްގެ ހަށިގަނޑު މޫދު އަޑިން ނެގުމުގައި ހަރަކާތްތެރިވި ޑައިވަރުންގެ ވަނަވަރު ފޮޓޯއާއެކު، ހާމަކޮށްފައެވެ.
އެއީ، ކ. ގާފަރު ބްލޫހެވަންއަށް ނިސްބަތްވާ އަހުމަދު ފައިސަލާއި އއ. އުކުޅަސް، މީރާޒް، ޞައްދާމު އަޙުމަދެވެ. އެއީ އާއްމު ދެ މީހުންނެވެ.
ފުލުހުން ބުނީ، ގެއްލުނު ޕޮލިސް އޮފިސަރު ހޯދައި، ހަށިގަނޑު މޫދުން ނެގުމުގައި އެ ޑައިވަރުން މުހިންމު ދައުރެއް އަދާކުރި ކަމަށެވެ.
އެހެންވެ، ސީޕީއާއި މިނިސްޓަރު އިހުސާން އެ މީހުންނަށް ވަކިވަކިން ގުޅުއްވާފައިވާ ކަމަށާއި އަމިއްލައަށް އިސްނަގައިގެން އެ ކަމުގައި އެހީތެރިވެދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.




