އެމްވީ ކްރައިސިސް ނަމުގައި ހިންގާ ސޯޝަލް މީޑިއާ ޕޭޖްތަކަކީ އަޙްމަދު އަޝްރަފް (ޝުމްބާ ގޮންގް) ހިންގާ އެކައުންޓްތަކެއްކަން ސާބިތުނުވާތީ، އޭނާގެ މައްޗަށް ކުރި އަބުރުގެ ދައުވާ ސާބިތު ނުވާ ކަމަށް ސިވިލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
މި މައްސަލައަކީ ޢަބްދުﷲ މަޙްޒޫމް މާޖިދުގެ ފޮޓޯ ބޭނުންކޮށްގެން، އޭނާއާ ބެހޭގޮތުން ދޮގު މަޢުލޫމާތު އެމްވީ ކްރައިސިސްގައި ފެތުރި ކަމަށް ބުނެ، އަބުރުގެ ބަދަލު ހޯދުމަށް ޝުމްބާގެ މައްޗަށް އުފުލި ދަޢުވާއެކެވެ.
އެގޮތުން މަޙްޒޫމްގެ ފަރާތުން ބުނެފައިވަނީ އެމްވީކްރައިސިސް އަކީ ޝުމްބާ ހިންގާ ޕޭޖެއް ކަމަށާއި، އެ ޕޭޖުން ކުރި ޕޯސްޓެއްގެ ސަބަބުން އޭނާގެ އަގުވެއްޓިފައިވާ ކަމަށެވެ.
ނަމަވެސް، މި މައްސަލައިގައި ޤާޟީ އަޙްމަދު ޢަބްދުލްމަތީން އިއްވެވި ޙުކުމުގައި ބަޔާންކޮށްފައިވަނީ، އެމްވީކްރައިސިސް ޕޭޖަކީ ސީދާ ޝުމްބާ ހިންގާ ޕޭޖެއްކަން މަދަނީ މިންގަނޑުން ސާބިތުކޮށްދިނުމަށް ދަޢުވާކުރާ ފަރާތުން ހުށަހެޅި ހެކިތައް ކާފީ ނޫން ކަމަށެވެ. އަދި ޝުމްބާގެ މީސްމީޑިއާ ހޭންޑްލް އެއް ކަމަށް ބުނާ ”ShumbaGong“ އެކައުންޓަކީވެސް އޭނާއާ ގުޅުން އޮތް އެކައުންޓެއްކަން ސާބިތުކުރުމަށް ހުށަހެޅި ކަންކަމަކީ ޤާނޫނީ މިންގަނޑަށް ބަލާއިރު ބަލިކަށި ހެކިތަކެއް ކަމަށް ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.
އަޙްމަދު އަޝްރަފް (ޝުމްބާ)ގެ ޣައިރު ޙާޟިރުގައި ކުރި މި ޙުކުމުގައި ކަނޑައަޅާފައިވަނީ، އެމްވީކްރައިސިސް ހިންގަނީ އޭނާކަން ސާބިތުނުވާތީ، މަޙްޒޫމްގެ އަބުރާ ބެހުމުގެ ޢަމަލެއް އަޝްރަފް ކުރިކަން މި މައްސަލައިގައި ސާބިތުނުވާ ކަމަށެވެ. އެހެންކަމުން، އަބުރުގެ ބަދަލު ނަގައިދެވެން ނެތް ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.



