މިދިޔަ މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 7.5 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މިއީ މިދިޔަ އަހަރުގެ މޭ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 4.3 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 73 އިންސައްތައިގެ އިތުރުވުމެކެވެ.
މީރާއިން އާންމުކޮށްފައިވާ މާލީ ރިޕޯޓުތަކަށް ބަލާއިރު، މިއަހަރުގެ މޭ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 58 މިލިޔަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 50 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 14 އިންސައްތަ އިތުރު އަދަދެކެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ފަރުޟެކެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން އެންމެ ފަހުން ކަނޑައަޅާފައިވާ ގޮތުގައި، ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 21,836.50 ރުފިޔާއެވެ. މިއީ ރިހީގެ ގުރާމަކަށް 36.70 ރުފިޔާގެ ރޭޓުން 595 ގުރާމަށް ޖެހޭ މިންވަރެވެ. ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ހާމަކުރާ އަގުތަކަށް ބިނާކޮށް ޒަކާތުގެ ނިޞާބަށް ދޭތެރެއަކުން ބަދަލު ގެނެއެވެ.
ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ މީރާ މެދުވެރިކޮށެވެ. އޮންލައިންކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު އޮންނައިރު، ކޮންމެ މީހަކުވެސް ޒަކާތް ދައްކަންޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.
ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ ހައްޖު މަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ 2,384 މީހުންނަށް ޒަކާތުގެ ފައިސާ ވަނީ ބަހާފައެވެ.
އެގޮތުން ބޮލަކަށް 5,500 ރުފިޔާގެ މަގުން ޖުމްލަ 13.1 މިލިޔަން ރުފިޔާ ވަނީ ބަހާފައެވެ.



