މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވޯޓުލުން ފަށައިފިއެވެ.
ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރު 14:30ގައެވެ.
މި އިންތިޚާބުގެ ވޯޓުލުން މިއަދު މެންދުރުފަހު 14:30 އިން ފެށިގެން މިރޭ 20:30 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ ޕާޓީން ބުނެއެވެ. ޗެއަރޕާސަންގެ މަޤާމަށް ތިން ބޭފުޅަކު ވާދަކުރައްވައެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމްގެ އިތުރުން އިބްރާހިމް މުޙައްމަދުއެވެ.
މި އިންތިޚާބުގައި ޖުމްލަ 241 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މީގެ ތެރެއިން 240 ވޯޓުފޮށި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާއިރު، ރާއްޖޭން ބޭރުގައި ބަހައްޓާފައިވަނީ އަވަށްޓެރި ސްރީލަންކާގައި ހުރި ވޯޓު ފޮއްޓެވެ. މިފަހަރުގެ އިންތިޚާބުގައި ރަށްރަށާއި މާލޭގައިވެސް ވޯޓުފޮށިތައް ބަހައްޓާފައިވަނީ ސްކޫލްތަކުގައެވެ. ކުރިން ބައެއް ރަށްރަށުގެ ހަރުގެތަކުގައި ވޯޓުފޮށި ބަހައްޓަން ނިންމި ނަމަވެސް، ފަހުން ވަނީ އެ ހުރިހާ ފޮށްޓެއްވެސް ސްކޫލްތަކަށް ބަދަލުކޮށްފައެވެ.
މާލޭގައި ވޯޓުލުން ކުރިއަށްދަނީ ޖުމްލަ 10 ސްކޫލެއްގައެވެ. އޭގެ ތެރޭގައި ހުރަވީ ސްކޫލް، ދަރުމަވަންތަ ސްކޫލް، މަޖީދިއްޔާ ސްކޫލް، އަމީނިއްޔާ ސްކޫލް، ކަލާފާނު ސްކޫލް، އިސްކަންދަރު ސްކޫލް، މާފަންނު މަދުރަސާ، ގަލޮޅު ސްކޫލް، މުހިއްޔިއްދީން ސްކޫލް އަދި ކާމިލްދީދީ ސްކޫލް ހިމެނެއެވެ.
އެމްޑީޕީއަކީ މިވަގުތު ރާއްޖޭގައި ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި އެމްޑީޕީގައި 43,784 މެންބަރުން ތިބި ނަމަވެސް، އެ ޕާޓީގެ ދާއިމީ ވޯޓާސް ލިސްޓުގައިވާ ގޮތުން މި އިންތިޚާބުގައި 48,912 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު ހުސްވީ އެ މަޤާމުގައި ކުރިން ހުންނެވި ފައްޔާޒް އިސްމާޢީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އިންތިޚާބު ބާއްވައި އާ ބޭފުޅަކު އިންތިޚާބު ކުރެވެންދެން އެ މަޤާމު ވަގުތީ ގޮތުން ފުރުއްވަމުން ގެންދަވަނީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.



