ފ.ނިލަންދޫއަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި ނިލަންދޫ، އަތިރީގޭ އަލްމަރުޙޫމް އަޙްމަދު މޫސާ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސްގެ ޕޯސްޓުގައި އަޙްމަދު މޫސާ ނިލަންދޫގެ ކަތީބުކަމުގައި އެރަށަށް ކަތީބު ދޮންބެ ކޮށްދެއްވި އަގުހުރި ޚިދުމަތްތަކާއި އެ މަރުޙޫމުގެ އަމާނާތްތެރިކަމާއި، ހިތްޕުޅު ހެޔޮކަމާއި، އެތައް މަސައްކަތެއް ކުރެއްވުމުގެ ހުނަރާއި، މުރާލި އަދި ހަރުދަނާ ޝަޚްޞިއްޔަތަކީ މުޅި ދިވެހިރާއްޖެއަށް ރީތި ނަމޫނާއެއްކަމަށް ވިދާޅުވެފައިވެއެވެ.
އަދި އުފަން ދަރީންނާއި، ކާފަ އަދި މުނިކާފަ ދަރީންގެ ތެރޭގައިވެސް ތަޢުލީމީ ޤާބިލު އެތައް ޚިދުމަތްތެރީންނެއް ތިއްބެވިކަމީ ޙަޔާތުގައި ލިބިވަޑައިގަތް ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއްކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އަތިރީގޭ އަޙްމަދު މޫސާ (ކަތީބު ދޮންބެ) ޢުމުރުފުޅުން 100 އަހަރުގައި އަވަހާރަވުމަކީ، ބޮޑު ހިތާމައަކާއި ފުންއަސަރުތަކެއް އިޙްސާސްވި ޚަބަރެއްކަންވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.
“އަޅުގަނޑުގެ އިޚުލާޞްތެރި ތަޢުޒިޔާ، މަރްޙޫމް އަޙްމަދު މޫސާގެ ލޮބުވެތި ޢާއިލާއަށް އަދި ފ.ނިލަންދޫގެ ހުރިހާ ރައްޔިތުންނަށް ދަންނަވަން. މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރްޙޫމް ލަހައްޓަވާށި! އާމީން“ ރައީސް ވިދާޅުވިއެވެ.
އަލްމަރުޙޫމް އަޙްމަދު މޫސާ ވަނީ، 1992 ވަނަ އަހަރު ދަނޑުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ހާސިލުކުރައްވާފައެވެ.




