ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ މީސްމީޑިއާ ޕްލެޓްފޯމް ކަމަށްވާ ފޭސްބުކް ޑައުންވެއްޖެއެވެ.
”އިންޑިޕެންޑެންޓް“ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފޭސްބުކްގެ އިތުރުން މެސެންޖާގެ އެޕްލިކޭޝަނާއި ވެބްސައިޓުގެ ޚިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ.
ނަމަވެސް، މެޓާ ކުންފުނީގެ ދަށުން ހިންގާ އެހެން ޕްލެޓްފޯމްތައް ކަމަށްވާ ވަޓްސްއެޕާއި އިންސްޓަގްރާމް އެޕްލިކޭޝަންތަކަށް ވަދެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޚިދުމަތް މެދުކެނޑުމާ ގުޅިގެން އިންސްޓަގްރާމް އަދި ވަޓްސްއެޕްގެ އެޕްލިކޭޝަންތަކަށް ވަދެވުނު ނަމަވެސް، އެ ދެ ޚިދުމަތުގެ ވެބްސައިޓުތަކަށް ވަނުމުގައި ބައެއް މީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ފޭސްބުކް ބޭނުންކުރާ ބައެއް ފަރާތްތަކުން ބުނި ގޮތުގައި، އެކައުންޓުތަކުން އަމިއްލައަށް ލޮގް އައުޓްވެފައިވާއިރު، އަލުން ލޮގިން ވުމަށް މަސައްކަތް ކުރުމުން އެކަން ކާމިޔާބެއް ނުވެއެވެ. އަދި ބައެއް މީހުންނަށް ފެންނަ މެސެޖުތަކުގައި މައްސަލައެއް ދިމާވެގެން އުޅޭކަން ބަޔާންކޮށްފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ފޭސްބުކްގެ ވެބްސައިޓުން ވެސް ވަނީ މައްސަލައެއް އުޅޭކަން ކަށަވަރުކޮށްދީފައެވެ. ފޭސްބުކުން ބުނީ، މައްސަލައެއް ދިމާވެގެން އުޅޭ ކަމަށާއި، ވީހާވެސް އަވަހަށް އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.



