ތައިލެންޑު ރަސްގެފާނުގެ ދަރިކަނބަލުން އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރަސްގެފާނަށާއި ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، ތައިލެންޑުގެ އަމީރާ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމަޔަކާއެކުގައި ކަމަށެވެ.
އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ތައިލެންޑުގެ ރަސްގެފާނާއި އެ ޤައުމުގެ ރައްޔިތުންނާ އެކުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.
އަމީރާގެ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެކަމަނާ ތައިލޭންޑަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކާއި، ޚިދުމަތްތަކުގައި ބެހެއްޓެވި ސާބިތުކަމަކީ ނަމޫނާ މަސައްކަތްތަކެއް ކަމަށެވެ. ވަކިން ޚާއްޞަކޮށް، ޤާނޫނީ ދާއިރާއަށް ގެންނަންޖެހޭ އިޞްލާޙީ ބަދަލުތަކަށް ވަކާލާތު ކުރެއްވުމާއި، ޢަދުލު އިންސާފުގެ ނިޒާމު ހަރުދަނާ ކުރެއްވުމަށް އެކަމަނާ ކުރެއްވި މަސައްކަތްޕުޅުތައް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ތައިލޭންޑުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އަމީރާ ކުރެއްވި ކަންތައްތައް އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ. އަދި އެކަމަނާގެ ޚިދުމަތްތެރި އަދި ވަފާތެރި ނަމޫނާއަކީ އަންނަން އޮތް ޖީލުތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ތައިލޭންޑުގެ ރަސްގެފާނަށާއި، އެޤައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވަމުންނެވެ.



