ކޮރަޕްޝަން ނައްތާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވިސް މުވައްޒަފުންނަށް ކަމަށް ތަޢުލީމާއި، މަތީ ތަޢުލީމާއި ހުނަރުތައް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިއަހަރު ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ޝަފީއު ވަނީ ސިވިލް ސާވިސް މުވައްޒަފުން ހިފަހައްޓަންޖެހޭ މަސައްކަތުގެ އަޚްލާޤަށް އަލިއަޅުވާލައްވާފައެވެ.
ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމުގައި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މިނިސްޓަރު ވިދާޅުވީ، ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ސިވިލް ސާވިސް މުވައްޒަފުންނަކީ ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްކަމަށެވެ.
ދިވެހި ސިވިލް ސާވިސްގައި ކޮންޓްރެކްޓު މުވަޒަފުން ހިމެނޭހެން 35،000 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، އާބާދީގެ ކޮންމެ 15 މީހަކަށް ސިވިލް ސާވިސްގެ މުވައްޒަފަކު ޚިދުމަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދައުލަތުގެ ބެޖެޓުންވެސް ސިވިލް ސާވިސް މުވައްޒަފުންނަށް ބޮޑު ޚަރަދެއް ކުރާ ކަމަށް ވެސް ވިދާޅުވއިެވެ.
ރައްޔިތުންގެ އަބަދުވެސް އެދުމަކީ އަވަސް ޚިދުމަތެއް ލިބުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިކަން ކުރެވޭނީ މުވައްޒަފުން މަސައްކަތަށް ޤަވާއިދުން ނިކުތުމުންކަމަށެވެ. އަދި އޮފީސްތަކުން ދޭ ޚިދުމަތްތައް ލަސްވާނަމަ އެއިދާރާއަކަށް ރައްޔިތުން ކުރަމުން އަންނަ އިތުބާރު ކުޑަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ޝަފީއު ވިދާޅުވީ ކޮރަޕްޝަންގެ ވާހަކައަކީ ތަކުރާރުކޮށް އަބަދުވެސް ދެކެވޭ ވާހަކައެއް ކަމަށާއި އިދާރީ ގޮތުން ހިންގާ ކޮރަޕްޝަނެއް މެދުވެރި ނުވާނަމަ މާލީ ކޮރަޕްޝަނަކަށް މަގުފަހިނުވާ ކަމަށެވެ. އެހެން ކަމުން ކޮރަޕްޝަން ނައްތާލުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރެވެން އޮތީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކަމަށް ވިދާޅުވިއެވެ.




