ޓިކްޓޮކްގައި ”އިނާ“ ނަމަކަށް ކިޔާ އެކައުންޓަކުން ސްކޭމްކުރަމުންދާ ކަމަށް ބެލެވޭތީ ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ”އިނާ“ ނަމަކަށް ކިޔާ އެ ޓިކްޓޮކް އެކައުންޓަކީ އޮޅުވާލައިގެން މަކަރާއި ހީލަތުން (ސްކޭމް) ކަންތައްތައް ހިންގަމުންދާ އެކައުންޓެއްގެ ގޮތުގައި ރިޕޯޓްކުރެވިފައިވާތީ، އެފަދަ ކަންކަަމަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
ފުލުހުން ހިއްސާ ކޮށްފައިވާ އެ އެކައުންޓުގެ ސްކްރީންޝޮޓަކުން ފެންނަ ގޮތުގައި އެއީ ތެލުލި ބަނބުކެޔޮ ވިއްކުމުގެ އިތުރުން ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާކަމަށް ބުނެ އިޝްތިހާރު ކޮށްފައިވާ އެކައުންޓެކެވެ. އޭގައި ގުޅަންވީ ނަންބަރަކަށް 7217905 ވެސް ޖަހާފައިވެއެވެ.

ސްކޭމް އެކައުންޓެއް ކަމަށް ރިޕޯޓުކޮށްފައިވީ ނަމަވެސް، އެ އެކައުންޓުން ސްކޭމް ކުރުމަށް ހިންގަނީ ކޮން އަމަލެއްކަން ފުލުހުން ބުނެފައެއް ނުވެއެވެ.
ނަމަވެސް ފުލުހުން ބުނީ އެ އެކައުންޓް ހިންގަމުންދާ ފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިފަދަ ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތަކުގައި ފޭކް އެކައުންޓްތައް ހަދައިގެން، ޖިނާއީ ކުށްތަކަށް އަރައިގަންނަމުންދާ ފަރާތްތައް ހޯދައި، އެފަރާތްތަކާމެދު ގާނޫނީގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިލްތިމާސް ކޮށްފައިވަނީ، ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށާއި އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށެވެ.



