ދ. މީދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް އަލަށް އިންތިހާބުވި ޕީއެންސީގެ ކެނޑިޑޭޓް ސުހާ އިބްރާހީމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
އެކްސްގައި، ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމަަށް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ސުހާ އިބްރާހިމް ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި މަރުހަބާ ވިދާޅުވެފައެވެ.
މީގެއިތުރުން، އެމަނިކުފާނު ވަނީ ވޯޓު ދެއްވި އެ ދާއިރާގެ ރައްޔިތުންނަށާއި، އިންތިހާބު ކާމިޔާބުކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް އިންތިޚާބު ކާމިޔާބުކުރެއްވީ 529 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދުއަށް ލިބިފައިވަނީ 449 ވޯޓެވެ. މި އިންތިޚާބުގައި ޖުމްލަ 985 މީހުން ވޯޓުލާފައިވެއެވެ.
މީދޫ ކައުންސިލް ރައީސް ހޮވުމަށް އިތުރު އިންތިހާބެއް ބާއްވަން ނިންމީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި އެ ރަށުގައި ބެހެއްޓި ދ.މީދޫ-2 ނަންބަރު ވޯޓު ފޮށީގެ އެއް ވޯޓު ކަރުދާސް ސައްޙަ ކަމަށް ކޯޓުން ކަނޑައަޅައި ޙުކުމް ކުރުމާ ގުޅިގެންނެވެ.
އެ ޙުކުމާއެކު ކައުންސިލް ރައީސްގެ މަޤާމަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމުން، ނަތީޖާ ކަނޑައެޅުމަށްޓަކައި އަލުން ވޯޓުލުން ބޭއްވީއެވެ.



