މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ”އޯޝަން ފެސްޓިވަލް“ ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.
މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދިރާގު ބީޗު ސަރަހައްދުގައެވެ.
މިނިސްޓްރީން ބުނިގޮތުގައި، މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ޖޫން 2026 ވާ ހޮނިހިރު ދުވަހުއެވެ. މި ހަރަކާތްތައް އެ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 17:30 އާ ހަމައަށް ކުރިއަށްދާނެއެވެ.
މިއީ ވޭތުވެދިޔަ ދެ އަހަރުވެސް މި ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ފެސްޓިވަލްގެ ސިލްސިލާ ހަރަކާތެކެވެ.
މި ފެސްޓިވަލްގެ ތެރެއިން ކުޑަކުދިންނަށް ހާއްސަކޮށްގެން ތަފާތު މޫދު ކުޅިވަރުތައް ކުރިއަށްދާނެއެވެ. އަދި އެކި އޮފީސްތަކާއި ކުންފުނިތަކުން ކުރާ މަސައްކަތްތައް ކުޑަކުދިންނަށް ބަލާލެވޭނެހެން ފަރުމާކޮށްފައިވާ ހާއްސަ ސްޓޯލްތަކެއްވެސް މި ސަރަހައްދުގައި ބެހެއްޓިފައި ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިއަހަރުގެ ފެސްޓިވަލްގައި އެންމެ ހާއްސަ އެއް ހަރަކާތެއްގެ ގޮތުގައި ހިމެނެނީ ”ޑިސްކަވަރީ ބަބުލް“ ގެ ނަމުގައި ކުރިއަށްގެންދާ ފީނުމުގެ ހަރަކާތެވެ. މިއީ ޑައިވް ކިޓް ބޭނުންކޮށްގެން ފަރުގެ ގުދުރަތީ ރީތިކަން ކައިރިން ބަލާލުމަށް ކުޑަކުދިންނަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއް ކަމަށް އެ މިނިސްޓްރީން ދެކެއެވެ.
މީގެ އިތުރުން، ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކާބޯތަކެތި ވިއްކުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.
އެގޮތުން އެ ސަރަހައްދުގައި މޭޒު ބަހައްޓައިގެން އުފެއްދުންތެރި ލުއި ކާނާއާއި ފިނި ބުއިންތައް ވިއްކުމުގެ ފުރުސަތު ޝައުގުވެރިވާ ފަރާތްތަކަށް ލިބިގެންދާނެއެވެ.




