ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަރާތުން އެ މީހުންގެ ބެލެނިވެރިން ފްލެޓަށް ކުރިމަތިލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ސާބިތުކުރާނެ ލިޔުން ހުށަހަޅަން ނުޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީއަށް އެ މީހުންގެ ބެލެނިވެރިންނަށް ލެވޭ ގޮތަށް އިސްލާހު ގެނައީ މިދިޔަ މަހުގެއެވެ.
ހައުސިން މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުން އެޕްލިކޭޝަން ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދޭ އިތުރު ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.
އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިންނަށް ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީއަށް ކުރިމަތިލާ ފަރާތްތަކަށް ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން، އާންމު ޝަރުތެއްގެ ގޮތުގައި މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައި އޮންނަން ޖެހުނު ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މި މުއްދަތު ވަނީ 5 އަހަރަށް ކުޑަކޮށްދީފައެވެ.
މީގެ އިތުރުން، އެ މީހެއްގެ ނުކުޅެދުންތެރިކަމަށް މާލެއިން ހިދުމަތް ހޯދަން ދަތުރުކުރަން ޖެހުމާއި، ހިދުމަތް ހޯދުމަށްޓަކައި މާލެއަށް ބަދަލުވެފައިވާ މީހުންނަށް ވެސް މި ސްކީމްގެ ދަށުން ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން 7,900 ފްލެޓާއި 1,250 އަކަފޫޓުގެ ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ހުރިހާ ކެޓަގަރީއަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، ޕޯޓަލްގައި މިހާރުވެސް 37,000 އަށްވުރެ ގިނަ ފޯމު ޑްރާފްޓް އެޕްލިކޭޝަންތަކާއެކު އެބަހުއްޓެވެ. މި އެންމެން ފޯމު ހުށަހަޅައިފިނަމަ، މިއީ ރާއްޖޭގައި ގޯއްޗާއި ފްލެޓު މަޝްރޫއަކަށް އެންމެ ގިނަ ބަޔަކު ކުރިމަތިލާ ފަހަރަށް ވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.




