މި ސަރުކާރުގެ ފުރަތަމަ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުން ޒީނާޒު އަދުނާނަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފިއެވެ.
އެނގިފައިވާ ގޮތުގައި އެ މިނިސްޓްރީގެ ސްޓޭޓަކަށް ޒީނާޒް އައްޔަން ކުރައްވާފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އަދި އޭނާ އޮފީހަށް ނުކުންނަވަން ފެއްޓެވީ މި މަހުގެ ހަތް ވަނަ ދުވަހު ކަމަށާއި މަސައްކަތް ކުރައްވަނީ ޖެންޑާއާ ގުޅޭ ކަންކަން ބަލަހައްޓާ ފަޅީގައިކަން ވެސް އެނގިފައިވެއެވެ.
ޒީނާޒަކީ މީގެ ކުރިން ކުޑަކުދިންގެ ހިޔާ ބެހެލެއްޓުމުގެ ޒިންމާ ވެސް އުފުއްލަވާފައިވާ އެ ދާއިރާގެ ތަޖުރިބާކާރެކެވެ.
މި ސަރުކާރުގެ ކުރީކޮޅު ޒީނާޒު ހުންނެވީ ވެރިކަން ކުރާ ޕީއެންސީގެ ސެކެޓްރީ ޖެނެރަލްއަކަށެވެ. ފަހުން ވަނީ އޭނާގެ ބަދަލުގައި އާ އެސްޖީއެއް އެ މަގާމަށް އައްޔަން ކުރައްވައިފައެވެ.
އޭގެ ފަހުން ޒީނާޒަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން އިސް މަގާމެއް ދެއްވި ކަމަށް އަޑު ފެތުރުނެވެ. ނަމަވެސް އެއީ ތެދެއްކަން މިހާތަނަށް އެއްވެސް ފަރާތަކަށް ކަށަވަރު ކޮށްދެވިފައެއް ނުވެއެވެ.




