މިދިޔަ ރޯދަ މަހު ދުވާލު، ފުލުސް އޮފީހުގެ ތެރޭގައި އެކްސެލް ދަޅެއް ބުއި ދިވެހި ފިރިހެނަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ރޯދަ މަހު ދުވާލު، އެކްސެލް ދަޅެއް ބޮއެގެން ޖަލު ހުކުމެއް އައީ، ލ.ގަން-ތުނޑި / ހުދުވިލާގޭ، ޙުސައިން ރިޔާޟްގެ މައްޗަށެވެ.
ކުރިން ވެސް ކުށުގެ އެކިއެކި ރެކޯޑްތައް އޮންނަ ރިޔާޟްގެ މައްޗަށް މި މައްސަލައިގައި ދައުލަތުން އުފުލީ، ރަމަޟާން މަހު ރޯދަ ނުހިފުމުގެ ކުށުގެ ދައުވާއެވެ.
ރަމަޟާން މަހު ދުވާލު އިރު އޮއްސުމުގެ ކުރިން، ޝަރުޢީ އުޒުރެއް ނެތި އާންމު ތަންތަނުގައި ކައިބޮއެ ހެދުމަކީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެކެވެ.
ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 611 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމީ ޝަރީޢަތުގައި ރޯދަ ހިފުން ވާޖިބުވެގެންވާ މީހަކު، ރަމަޟާން މަހުގެ ދުވާލު ވަގުތެއްގައި އެއްވެސް ޝަރުޢީ އުޒުރެއް ނެތި އާންމު ތަނެއްގައި ކެއުމާއި، ބުއިމާއި ނުވަތަ ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ކުށެކެވެ. ގާނޫނުލްއުގޫބާތުގެ 611 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން އެއީ ޖުނަޙްގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ.
މި މައްސަލައިގައި، ޝަރިއަތުގައި ރިޔާޟްވަނީ އޭނާގެ މައްޗަށް އުފުލި ދައުވާއަށް އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންދިޔައީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. މި މައްސަލައިގައި ރިޔާޟްގެ މައްޗަށް މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުން އިއްވީ، 11 ދުވަހުގެ ޖަލު ހުކުމެވެ.
މިދިޔަ ރޯދަ މަހު، މާލެ ސަރަހައްދުން ރޯދަ ނުހިފައިގެން އެކި ފަހަރު މަތިން ހައެއްކަ މީހުން ހައްޔަރުކޮށް ބަންދު މުއްދަތު ޖަހައިފައިވެއެވެ.




