ހދ. ފިނޭގައި އަލަށް ތަރައްޤީކުރި ޕޮލިސް ސްޓޭޝަން ހުޅުވައިފިއެވެ.
މިކަމަށްޓަކައި މިއަދު ފިނޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.
މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރު ސިނާން ޢަލީ އާއި ފިނޭ ކައުންސިލްގެ ރައީސް ޢަބްދުލް ލަތީފް ޢަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއަކީ އެމްޓީސީސީއާ ހަވާލުކޮށްގެން 2.20 މިލިޔަން ރުފިޔާގެ ބަޖެޓަކުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. ފިނޭ ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތަކެއް ވަނީ ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ކޮންކްރީޓް މަސައްކަތާއި، ފުރާޅު ހަރުކުރުމާއި، ސީލިންގ އަދި ކަރަންޓު ވަޔަރިންގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން ދަވާދު ލުމާއި، ސެނިޓަރީ މަސައްކަތްތަކާއި، ދޮރާއި ކުޑަދޮރު ހަރުކުރުމުގެ އިތުރުން ވަށާ ފާރު ރޭނުމާއި ފިލާ އަދި ދަގަނޑުގެ މަސައްކަތްތައް ވެސް ވަނީ ނިންމާފައެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، 623 މީހުންގެ އާބާދީއެއް އޮންނަ ފިނޭގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރެވިގެން ދިއުމަކީ ރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. އަދި މިއީ ރަށުގައި އަމާން ވެއްޓެއް ކަށަވަރުކުރުމަށްޓަކައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަގުނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގާފައެވެ.




