އެމްޑީޕީގެ ސަރުކާރުގައި ފެނިގެންދިޔައީ ދީނާއި ދުރު ސިޔާސަތުތައް ތަންފީޒުކުރަން އުޅުނު މަންޒަރުކަމަށާއި، އެ ސަރުކާރުގައި ދީނަށް ޖޯކު ޖަހާ މީހުންނަށް ވާގިދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދ. މީދޫ ކައުންސިލް ރައީސްގެ އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ނިމިދިޔަ ސަރުކާރުތަކާއި މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކުގައި ހުރި ތަފާތުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އެމްޑީޕީގެ ދެ ސަރުކާރުގައި ރާއްޖެއާއި ދިވެހީންނަށް އެކި ދާއިރާތަކުން ކުރިމަތިވި ނުރައްކާތަކާއި ގެއްލުންތައް ފާހަގަކުރައްވައި، އެކަންކަން ހަމަމަގަށް އެޅުވުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރެއްވިއެވެ.
ރައީސް ވިދާޅުވީ ޕީއެންސީއަކީ މިހާރު ރައްޔިތުން އެންމެ އިތުބާރުކުރާ ޕާޓީ ކަމަށާއި، މި ސަރުކާރަށް ކާމިޔާބީ ލިބޭ އެންމެ ބޮޑު ސަބަބަކީ ޤައުމާއި ދީން އިސްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުން ކަމަށެވެ.
”ގައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް މީގެކުރިން ކަންކަން ގޮސްފައިވޭ. މިދިޔަ ސަރުކާރުގައި ޤާނޫނުއަސާސީއާ ޤާނޫނުތަކާއި ހިލާފަށް ރާއްޖޭގެ ކަނޑުގެ ބޮޑުބައެއް ވަނީ ދޫކޮށްލާފައި“ ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވިއެވެ.
އަދި އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއްގެ ގޮތުގައި ސިފަކުރައްވައި، މި ސަރުކާރުގެ ބިނާކުރަނިވި ފިކުރުގެ ދަށުން ކުރިން ގޯސްކޮށް ހުރި ކަންކަން އިސްލާހުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
”ދިވެހިން އިސްކުރުމުގެ ސިޔާސަތުގެ ދަށުން ހުރިހާ ކަމެއް ކުރިއަށްދަނީ. މީގެކުރިން ވަކި ޤައުމުތަކަކުން ބޭނުންވާ ގޮތަކަށް ކަންކަން ކުރިއަށްދިޔަނަމަވެސް، މިހާރު ކުރިއަށްދާނީ ދިވެހީންނަށް އެންމެ ރަނގަޅު ގޮތަކީ ކޮބައި، އެ މަގުން“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މަސްތުވާތަކެއްޗާއި ވޭޕާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވަމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިއަދު ދިވެހީންގެ ކުރިމަތީގައި އޮތީ ދެ މަގެއް ކަމަށެވެ. އެއީ ކާމިޔާބީގެ ރާސްތާއާއި ގެއްލުމާއި ހަލާކުގެ ރާސްތާ ކަމަށާއި، ޤައުމަށްޓަކައި ކާމިޔާބީގެ ރާސްތާ އިސްކޮށްގެން މަސައްކަތްކުރަނީ ކޮން ބައެއްތޯ މިއަދު ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނާނެ ކަމަށެވެ.




