ނިމިދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުއްލި ނުރައްކާތަކުގެ 16 ހާދިސާއެއް ހިނގާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
މި މަހުގެ 7 އިން 13 އަށް ހިނގި މި ހާދިސާތަކުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރްއެސް) އިން ވަނީ ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެމްއެންޑީއެފް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އެންމެ ގިނައިން ހިނގާފައިވަނީ އަލިފާނުގެ ހާދިސާތަކާއި މެޑިކަލް އިވެކުއޭޝަންގެ ހާދިސާތަކެވެ. އެގޮތުން އަލިފާނުގެ 5 ހާދިސާ އާއި މެޑިކަލް އިވެކުއޭޝަންގެ 5 ހާދިސާ ވަނީ ހިނގާފައެވެ. މީގެ އިތުރުން ކާރިސީ 2 ހާދިސާއަކާއި، ނުރައްކާތެރި މާއްދާތަކާ ގުޅުންހުރި 2 ހާދިސާ އަދި ރެސްކިއުކުރުމުގެ އެއް ހާދިސާ ހިމެނެއެވެ.
ސަރަހައްދީ ކޮމާންޑްތަކަށް ބަލާއިރު، އެންމެ ގިނަ ހާދިސާ ރިޕޯޓްކޮށްފައިވަނީ މާލެ އޭރިއާ ކޮމާންޑުންނެވެ. ނޮދަން އޭރިއާ ކޮމާންޑުން އެއް ހާދިސާ އަދި ސަދަން އޭރިއާ ކޮމާންޑުން ދެ ހާދިސާ ރިޕޯޓުކޮށްފައިވާއިރު، ސެންޓްރަލް އޭރިއާ ކޮމާންޑުން މި މުއްދަތުގައި އެއްވެސް ހާދިސާއެއް ރިޕޯޓުކޮށްފައެއް ނުވެއެވެ.
އަދި މި ހަފުތާގައި އަލިފާނުގެ ނުރައްކަލުގެ އެލާމްގެ އެއްވެސް ހާދިސާއެއް ހިނގާފައި ނުވާކަން އެމްއެންޑީއެފް އިން ފާހަގަކުރެއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ބުނީ، އަލިފާނުގެ ނުރައްކާތަކުންނާއި އެކި ބާވަތުގެ ކާރިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް 24 ގަޑިއިރު މެދުނުކެޑި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ކުއްލި އެހީތެރިކަމެއް ބޭނުންވާ ހާލަތްތަކުގައި އެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 118 އަށް ގުޅުއްވައިގެން ޚިދުމަތް ހޯއްދެވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.



