ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް ގައިންގަޔަށް އަރާ ބަލިތައް މިދިޔަ މަހު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެގޮތުން މަދިރީގެ ޒަރިއްޔާއިންޖެހޭ ޑެންގޫހުމާއި އަރިދަފުސް ރޯގާވެސް ގިނަ އަތޮޅުތަކުގައި އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖޭގައި އެކި ދުވަސްވަރު މޫސުމީ ވިއްސާރައާއި ދިމާކޮށް މަދިރީގެ ޒަރިއްޔާއިންޖެހޭ ބަލިތައް އިތުރުވެއެވެ. އެހެންކަމުން މަދިރިއާލާވާ ތަންތަން ނައްތާލުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހު ޑެންގޫހުމާގުޅޭ 778 ކޭސްވަނީ ރިޕޯޓުކޮށްފައެވެ. އަރިދަފުސް ރޯގާޖެހިގެން 40،457 ކޭސް ރިޕޯޓުކޮށްފައިވާއިރު މިއީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.
މިއަހަރުގެ މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން ޓެސްޓުކޮށްފައިވާއިރު އޭގެތެރެއިން 680 މީހަކުވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ. ހަމައެއާއެކު ބޭރަށްހިނގުން އިތުރުވެފައިވާތީ އާންމު ސާފުތާހިރުކަމަށް ސަމާލުވުމަށްވެސް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރ، ޑރ.ޢަބްދުލް އަޒީޒް ޙަމީދުވެސްވަނީ މިދުވަސްވަރު ގައިންގަޔަށް އަރާ ބަލިތަކާއި މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވެފައިވާކަމުގެ ކަންބޮޑުވުންފާޅުކުރައްވާފައެވެ.
”ބަލިތަކުން ރައްކާތރިވުމަށް އާންމު ސާފުތާހިރުކަމަށް ސަމާލުވާންޖެހޭ. ގިނަގިނައިން އަތްދޮވުމާއި، މާސްކު ބޭނުންކުރަންޖެހޭ ބަލި ޖެހިފައިވާ ފަރާތްތަކުން“ ޑރ. އަޒީޒް ވިދާޅުވިއެވެ.



