އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ވަކާލާތުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
މުޅިއަކު 47 މެންބަރުންގެ މައްޗަށް އެކުލެވޭ، އދ.ގެ ހިއުމަން ރައިޓްސް ކައުންސިލް ބާއްވަން ހަމަޖެހިފައި ވަނީ 15 ޖޫން އިން ފެށިގެން 7 ޖުލައިގެ ނިޔަލަށެވެ.
ފޮރިން މިނިސްޓްރީން އާއްމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، އެ ކައުންސިލްގެ ސެޝަންތަކުގައި އެޖެންޑާގައި ހިމެނޭ ތަފާތު އެކި ބައްދަލުވުންތަކުގައި ބައިވެރިވެ ރާއްޖޭގެ ވަފުދުން ބަޔާން ދެމުންދާނެ ކަމަށާއި، އެ ބަޔާންތައް ބިނާކުރާނީ، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އުސޫލްތަކުގެ މައްޗަށް ކަމަށެވެ.
މީގެ އިތުރުން ރާއްޖެ އަކީ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާބެހޭ ގަރާރުގެ ކޯ ގްރޫޕުގެ މެމްބަރަކަށްވާއިރު، ވަކީލުންގެ މިނިވަންކަމާބެހޭ ސްޕެޝަލް ރެޕަޓުއާގެ މެންޑޭޓް އާކުރުމާ ގުޅޭ ގަރާރެއް އެ ސެޝަނަށް ރާއްޖެއިން ހުށަހަޅާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ އިންސާނީ ޙައްޤުތަކާ ގުޅިގެން ރާއްޖޭގެ ހުރި ކަންބޮޑުވުންތައް އެ ސެޝަންތަކުގައި ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން، އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަރައިގަނެ ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ އަސަރަށް އަލިއަޅުއްވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. ޚާއްސަކޮށް ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދާ ލާއިންސާނީ އަނިޔާތަކަށް އަލިއަޅުވާލާ ރާއްޖެ އިން ވާހަކަދައްކަން ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާ އިން ފާހަގަކުރައްވައެވެ.
މި ސެޝަންތަކުގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގެ އިސް ބޭފުޅަކީ، ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. މި ވަފުދުގައި ހިމެނިވަޑައިގަންނަވާ އިތުރު ބޭފުޅުންނަކީ ސެކަންޑް ސެކްރެޓަރީ އައިޝަތު ރަޔާހީންއާއި ކައުންސެލަރ، އާދަމް ޙާމިދާއި ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް އަދި އެޓާޗޭ މުޙައްމަދު ރާއިދު ސައީދެވެ.




