ރާއްޖޭގައި ލޭ ހަދިޔާކުރާ މީހުންގެ ޑިޖިޓަލް ދަފްތަރެއް މިއަހަރުގެ ތެރޭގައި ތައާރަފުކުރައްވާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ސީއީއޯ ހަލީމް މިކަން ހާމަކުރެއްވީ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ޖަލްސާގައެވެ.
ސީއީއޯ ވިދާޅުވީ މިފަދަ ޑިޖިޓަލް ދަފްތަރެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ލޭ ހޯދުމަށް ބޭނުންވާ މީހުންނަށާއި ލޭ ހަދިޔާކުރަން ބޭނުންވާ މީހުންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުން ކަމަށެވެ. މީގެ އިތުރުން، މި ސަރުކާރުން ތެލަސީމިއާ ބަލި ހުންނަ މީހުންނަށް ލުއިފަސޭހަ ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ހަލީމް ފާހަގަކުރެއްވިއެވެ.
ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ މީހުންގެ ރަޖިސްޓްރީ މިހާރު ވަންގަވް ޕޯޓަލް މެދުވެރިކޮށް ބެލެހެއްޓޭނެ ނިޒާމް ގާއިމުކޮށްފައިވާކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ފެބްރުވަރީ މަހު ޑީއެންއޭ ލެބޯޓަރީގެ ހިދުމަތް ފަށައި، ހުކުރު ދުވަހު ވެސް ލޭ އެޅުމުގެ ހިދުމަތް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
”ހުކުރު ދުވަހު ލޭ އެޅުމުގެ ހިދުމަތް ދޭން ފެށުމަކީ ތެލަސީމިއާ ސެންޓަރުން ހިދުމަތުގައި ހޭދަކުރި 35 އަހަރުގެ ދިގު ތާރީހުގައި ލިބުނު ބޮޑު ކާމިޔާބީއެއް،“ ސީއީއޯ ވިދާޅުވިއެވެ.
ސިއްހީ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން 2025 ވަނަ އަހަރުގެ ޖުލައި މަހު އެންޑޯކްރައިނޮލޮޖީގެ ހިދުމަތް ފަށާފައިވާއިރު، އޮގަސްޓް މަހުން ފެށިގެން ހިމޮޓޮލޮޖީ، އެޗަލެ ޓައިޕިން އަދި ބޯން މެރޯއާ ގުޅޭ ޓެސްޓުތަކުގެ ހިދުމަތް ވިޒިޓިން ކޮންސަލްޓެންޓުންގެ އެހީތެރިކަމާއެކު ދަނީ ފޯރުކޮށްދެމުންނެވެ.
މިއަހަރުގެ މިހާތަނަށް ތެލެސީމިއާ ބަލި ހުރި ހަތަރު ކުދިން އުފަންވެފައިވާކަން ފާހަގަކުރައްވައި، ސީއީއޯ ވިދާޅުވީ މިކަމާ މެދު އާއްމުން ހޭލުންތެރިކޮށް ކައުންސިލިންގެ ހިދުމަތްތައް ހަރުދަނާކުރުމަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މުހިންމު އަމާޒެއް ކަމަށެވެ.
ސީއީއޯ އިތުރަށް ވިދާޅުވީ، ތެލަސީމިއާ ބަލި ހުންނަ މީހުންނަށް ދޭ ފަރުވާ ފުރިހަމަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ މި ބަލި ތަހައްމަލުކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.




