ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން އާޖެންޓީނާ އިން މިފަހަރުގެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗަށް ނުކުންނަން މިހާރު އޮތީ މުޅިން ތައްޔާރަށެވެ.
2022 ވަނަ އަހަރުގެ ފައިނަލްގައި ފްރާންސް ބަލިކޮށް ދުނިޔޭގެ ރަސްކަން ހޯދި އާޖެންޓީނާ އިން މިފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ އެފްރިކާގެ ބާރެއް ކަމަށްވާ އަލްޖީރިއާއާ ދެކޮޅަށެވެ.
މެޗަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާއިރު، އެންމެ ބޮޑު އިންތިޒާރަކީ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ދަނޑުމަތިން ފެނުމެވެ.
މިރޭގެ މެޗުގެ ކުރިން އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ، ދާދިފަހުން އަނިޔާއަކުން ރިކަވާވި މެސީއަށް މި މެޗުގައި ކުޅެލަން ލިބޭނީ ކިތައް މިނިޓްތޯ އުފެދިފައިވާ ސުވާލެވެ. މުބާރާތުގެ ކުރިން އާޖެންޓީނާ އިން ކުޅުނު އެންމެ ފަހު އެކުވެރިކަމުގެ މެޗުގައި އައިސްލެންޑާ ދެކޮޅަށް މެސީ ބޭނުންކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އެ މެޗުގެ ފަހު 20 މިނިޓަށް ކުޅެން އަރައި، މެސީ ވަނީ އާޖެންޓީނާއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްދީ، އޭނާގެ ފިޓްނަސް ހުރިގޮތް ސާބިތުކޮށްދީފައެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނީ، މެސީ ކުޅޭތަން ބަލަން ބޭނުންވަނީ ހަމައެކަނި އާޖެންޓީނާގެ ރައްޔިތުންނެއް ނޫން ކަމަށެވެ.
”މުޅި ދުނިޔެއަށް ބެލިޔަސް ގިނަ ބަޔަކު ބޭނުމީ މެސީ ކުޅޭތަން ބަލަން. އެންމެން ބޭނުމީ އޭނަ ދަނޑުމަތިން ފެންނަން. އެއީ، އޭނާގެ ސަޕޯޓަރުން ތިބީ ހަމައެކަނި އާޖެންޓީނާއަކު އެއް ނޫން. މުޅި ދުނިޔޭގެ އެތަން މިތަނުގައި،“ ސްކަލޯނީ ބުންޏެވެ.
މީގެ އިތުރުން މެސީގެ އަނިޔާއާ ގުޅޭގޮތުން ސްކަލޯނީ ބުނީ، ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި އޭނާއަކީ އަބަދުވެސް ޓީމަށް ނުހަނު މުހިންމު، ޓީމާއެކު ދެމިހުރި ކުޅުންތެރިއެއް ކަމަށެވެ.
އުމުރުން މިހާރު 38 އަހަރުގެ މެސީ މިރޭ އަލްޖީރިއާއާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާގެ ފުޓްބޯޅަ ހަޔާތުގައި ފާހަގަކޮށްލެވޭނެ ތާރީޚީ މެޗެކެވެ. މިރޭ ދަނޑަށް އަރައިފިނަމަ އެއީ އޭނާ ގައުމީ ޓީމަށް ކުޅެދޭ 200 ވަނަ މެޗަށް ވާނެއެވެ. އާޖެންޓީނާ އަށް ފީފާ ވޯލްްޑް ކަޕާއި ކޮޕަ އެމެރިކާގެ ދެ ތަށި އަދި ފައިނަލީސިމާ ޓްރޮފީ ހޯދައިދިން މެސީ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 199 މެޗުން 117 ލަނޑު ޖަހައި 64 ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ. ހަމައެއާއެކު، މިއީ މެސީ އާޖެންޓީނާ ގައުމީ ޓީމާ އެކު ވާދަކުރާ 6 ވަނަ ވޯލްޑް ކަޕެވެ.
މިއީ އެ ގައުމުގެ ފުޓްބޯޅައިގެ ބޮޑު ރެކޯޑެކެވެ.



