އަންނަ ހަފްތާއިން ފެށިގެން ހޯލްސޭލްކޮށް ފިޔާ ދޫކުރަން ފަށާނެކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފިއެވެ.
އެސްޓީއޯއިން ބުނީ، ފިޔާ ލިބުމުގައި ދަތި ކަމެއް އުޅޭ ކަމަށާއި ފިޔާ ވިއްކާ އަގު އުފުލެމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުން އެ ކުންފުންޏަށް މަޢުލޫމާތު ލިބެމުން އަންނަކަމަށެވެ.
އެ ކުންފުނިން އިތުރަށް ބުނީ، ބާޒާރުގައި އަގުތައް އުފުލުނު ނަމަވެސް ކުރިއެކޭ އެއްގޮތަށް މިހާރުވެސް އެސްޓީއޯއިން ފިޔާ ލިބެން ހުންނާނެ ކަމަށެވެ. އަދި ފިޔާ ވިއްކަމުންދަނީ ކުރިންވެސް ވިއްކަމުންދިޔަ ހެޔޮ އަގުގައިކަން އެސްޓީއޯއިން ފާހަގަކުރެއެވެ.
އެސްޓީއޯގައި މިހާރު ފިޔާ ކިލޯއެއްގެ އަގު ހުރީ 13 ރުފިޔާއަށެވެ.
ހޯލްސޭލްކޮށް ފިޔާ ދޫކުރަން ފެށުމުގެ އިތުރުން، އަތޮޅުތެރޭގެ ރަށްތަކަށް ފިޔާ ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށްވެސް ފިޔާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.



