މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ހުރި ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ، މި ޖޫން މަހުގެ 15 ވަނަ ދުވަހު މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ގޭންގު ކުރައިމް ސަޕްރެޝަންއާއި، މާލެ ސިޓީ ކައުންސިލު ގުޅިގެން ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި ކުރެހުންތަކާއި ލިޔުންތައް ފޮހެ ނައްތާލާފައިވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނިގޮތުގައި، ސިލްސިލާކޮށް ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން، މާލެ ސިޓީގެ އިތުރު ސަހަރައްދުތަކުގައި ހުރި ކުރެހުންތަކާއި ލިޔުންތައް ނައްތައިލުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާނެއެވެ.
ފުލުހުން ބުނީ، މާލެ ސިޓީއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.




