ޕޮޓޭޓޯ ޗިޕްސް ދަޅާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގައި ފޮރިވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް އަދި އޭގެ ކާޓްރިޖު އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން އިއްޔެ ބުނީ އެތަކެތި އަތުލައިގަތީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވައިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން މާލޭ ކޮމާޝަލް ހާބަރުގައި މިދިޔަ އާދިއްތަ އަދި ހޯމަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަންގެ ދަށުން ޝިޕްމަންޓު ބަލައިފާސްކުރިއިރު، ޕޮޓޭޓޯ ޗިޕްސް ދަޅު އަދި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގައި ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
އެގޮތުން ފެނުނު 1،108 ވޭޕް ކާޓްރިޖް އަދި 27 ޑިވައިސް މި އޮޕަރޭޝަނުގެ ތެރެއިން ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.




