ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ”ބީއެމްއެލް ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026“ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މާލޭ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި، މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން އެކަމަނާ ވަނީ މުބާރާތުގެ އޮފިޝަލް ބޯޅައިގައި ސޮއިކުރައްވާފައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މުބާރާތް ހުޅުވުމުގެ މެޗުގައި ވާދަކުރި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލުކުރައްވައި ސަލާމްކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިޢު އާއި، ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފްގެ އިތުރުން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހުރަވީ ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ. 7 މިނެޓުގެ 4 ކުއާޓަރުގެ މައްޗަށް ކުޅުނު މި މެޗު 23 ޕޮއިންޓް 3 ޕޮއިންޓުން ކާމިޔާބުކުރީ ހުރަވީ ސްކޫލެވެ.
މެޗަށްފަހު، ”ކުއީން އޮފް ދަ މެޗް“ ގެ މަގާމަށް ހޮވުނު ހުރަވީ ސްކޫލުގެ އާމިނަތު ތުގާއަށް އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކުރާ މި މުބާރާތަކީ ރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި، ޒުވާން ކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމުގެ މަގްސަދުގައި ބާއްވާ ސިލްސިލާ މުބާރާތެކެވެ. މީގެކުރިން ”އިންޓަރ ސްކޫލް ނެޓްބޯލް ޓޯނަމަންޓް“ ގެ ނަމުގައި ބާއްވަމުން އައި މި މުބާރާތް މިހާރު ވަނީ ”ބީއެމްއެލް ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް“ ގެ ނަމަށް ބަދަލުކޮށްފައެވެ.

މިއަހަރުގެ މުބާރާތުގައި ދެ އުމުރުފުރާއަކުން ޖުމްލަ 25 ޓީމު ވާދަކުރެއެވެ. އެގޮތުން 15 އަހަރުން ދަށުގެ އުމުރުފުރާގައި 14 ޓީމު ބައިވެރިވެފައިވާއިރު، 17 އަހަރުން ދަށުގެ އުމުރުފުރާގައި 11 ޓީމު ވާދަކުރާނެއެވެ.



