ފުވައްމުލަކު ސިޓީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް ސާރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.
ފުވައްމުލަކު އެއަރޕޯޓު ސަރަހައްދުގައި ހުޅުވި މި އޭޓީއެމްއަކީ އެ ސިޓީގައި ގާއިމުކުރެވުނު 4 ވަނަ އޭޓީއެމްއެވެ.
ބީއެމްއެލްއިން ވިދާޅުވި ގޮތުގައި، ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތަކީ ހުރިހާ ރަށެއްގެ ރައްޔިތުންވެސް ބޭނުންވާ މުހިންމު ޚިދުމަތެކެވެ. މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި މި ޚިދުމަތް ބޭނުންކުރަމުންދާ މިންވަރުން، ރައްޔިތުން މި ޚިދުމަތް ބަލައިގެންފައިވާ މިންވަރު ހާމަވާކަމަށް ބޭންކުން ފާހަގަކުރެއެވެ. ފުވައްމުލަކުގައި މިދިޔަ އަހަރުގެ ތެރޭގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ.
ސަރުކާރުން ފަށާފައިވާ ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫއުގެ ދަށުން، ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އޭޓީއެމް ގާއިމުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި އެންމެ 9 މަސް ދުވަހުގެ ތެރޭގައި 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށް ނިންމާފައިވާކަމަށް ބޭންކުން ބުނެއެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އާބާދީގައި 2000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ނިންމަވާފައިވާކަން އިއުލާނުކުރައްވާފައެވެ. އޭގެ ތިން މަސް ފަހުން، ރާއްޖޭގެ 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓާ ވަނީ ނިންމާފައެވެ.
ބީއެމްއެލްގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، މިދިޔަ ހަފްތާތަކުގެ ތެރޭގައި 70 ރަށެއްގައި ޑޮލަރު އޭޓީއެމް، 20 ރަށެއްގައި ދިވެހި ރުފިޔާ އޭޓީއެމް އަދި 6 ރަށެއްގައި ބޭންކުގެ ބްރާންޗްތައް ވަނީ ގާއިމުކޮށްފައެވެ.




