ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ޖަލުތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ”ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް“ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ މިހާރު ހުރި ޖަލުތަކަކީ ކުށްވެރިން އިޞްލާޙުކޮށް އަލުން މުޖުތަމަޢަށް ނެރުމަށް އެންމެ އެދެވޭ ގޮތަށް ފަރުމާކުރެވިފައިވާ ތަންތަން ނޫން ކަމަށެވެ.
އެހެންކަމުން، އައު ކޮމްޕްލެކްސް ބިނާކުރާނީ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އެންމެ ފުރިހަމައަށް ހިންގޭނެ ފަދަ ގޮތަކަށް ކަމަށާއި، މީގެ ސަބަބުން އިޞްލާޙީ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
”ތަންކޮޅެއް ލަސްވެއްޖެ އަޅުގަނޑުމެންނަށް މި މަސައްކަތުގައި ކުރަންޖެހޭ މަސައްކަތުގެ ބާވައްތަކުން ދައުލަތުގެ އެހެން މުވައްސަސާތަކާއި ގުޅިގެން ކުރަން ޖެހޭތީ އަޅުގަނޑުމެން އެންމެ އެދެވޭ ގޮތެއްގައި ނޫން ކަންކަން ތަރުތީބު ވެގެންދަނީ. އުނދަގުލުން ނަމަވެސް މިކަން ވެގެންދާކަމީ ކަރެކްޝަނަލް ސާރވިސްއަށާއި އަދި ޖަލުތަކުގައި ހިދުމަތް ހޯއްދަވާ ދިވެހި ރައްޔިތުންނަށް ކޮންމެހެންވެސް އުފާވެރި ކަމެއް ލިބިގެން އަންނާނެ ދުވަސްތަކެއް“ މިނިސްޓަރު ވިދާޅުވިއެވެ.
ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސްއާއި ކުޑަކުދިން ރިހެބިލިޓޭޓްކުރުމަށް ޚާއްޞަ ”ހޯޕް އައިލެންޑް“ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އުތުރު ތިލަފަޅުގައެވެ. މި މަޝްރޫޢަށްޓަކައި 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިތަނުގައި ރެޒިޑެންޝަލް ޔުނިޓްތަކާއި، ޑްރަގް ރިހެބިލިޓޭޝަން ފެސިލިޓީ، ހާފްވޭ ހައުސް، އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ފެސިލިޓީގެ އިތުރުން 1000 މީހުންގެ ޖާގައިގެ މިސްކިތަކާއި މެޑިކަލް ފެސިލިޓީއެއް ހިމެނޭނެއެވެ.
ޖަލުތަކުގެ އުމްރާނީ ތަރައްޤީގެ އިތުރުން، ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ ދުވަހަކަށް ހުކުމުގެ މުއްދަތުން ދުވަހެއް އުނިކުރެވޭ ގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ހާމަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ފާސްވެ، އަމަލީ ގޮތުން ތަންފީޒުވާން ފަށާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މިހާރު ހުރި ބައެއް ޖަލުތައް އައު އިމާރާތަށް ބަދަލުކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަކީ ރައްޔިތުން ފަޚުރުވެރިވާ ފަދަ ނަމޫނާ މުއައްސަސާއަކަށް ހެދުމެވެ.




