”ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ“ (ސަމްޕާ) އަށް ވަންނަ އުޅަނދުތަކަކީ އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަކަށް ވާންޖެހޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިއީ ސަމްޕާ މެނޭޖްމަންޓް ޕްލޭންގެ ދަށުން ތަންފީޒުކުރުމަށް ނިންމާފައިވާ މުހިންމު ނިންމުމެކެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، އެ ވުޒާރާގެ ޑިރެކްޓަރ އޮފް ޕްރޮޓެކްޓެޑް އޭރިއާސް، މުހްސިނާ ޢަބްދުއްރަޙްމާން ވިދާޅުވީ 2025 ވަނަ އަހަރު ސަންޕާ ސަރަޙައްދު ބެލެހެއްޓުމުގެ ޚާއްޞަ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މި ޕްލޭންގެ ދަށުން އެކުލަވާލެވިފައިވާ އުސޫލުތަކާއި ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްކަން އޭނާ ފާހަގަކުރެއްވިއެވެ.
މުހްސިނާ ވިދާޅުވި ގޮތުގައި މިފަދަ ޕްލޭނެއް އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަޙައްދުގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމެވެ.
އެގޮތުން، އެއްވަގުތެއްގައި އެ ސަރަޙައްދަށް ވަންނަ އުޅަނދުތަކާއި މީހުންގެ އަދަދު ކޮންޓްރޯލްކުރުމުގެ އިތުރުން، އުޅަނދުތައް ދުއްވަންޖެހޭ ބާރުމިން ވަނީ ވަކި މިންގަނޑެއްގައި ހިފަހައްޓަން ނިންމާފައެވެ. މި ޕްލޭން އެކުލަވާލާފައިވަނީ އެ ސަރަޙައްދުގައި މިހާރު ހުރި ތިމާވެށީގެ މައްސަލަތަކަށް ރިއާޔަތްކޮށް، އެންމެ އިސްކަންދޭންޖެހޭ ކަންކަމަށް އަމާޒުކޮށްގެންނެވެ.
ސަމްޕާ ސަރަހައްދަށް ވަންނަ އުޅަނދުތައް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކުރަންޖެހޭނެކަން މުހްސިނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހާރު އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ބައެއް އުޅަނދުތަކަކީ ޓްރާންސްޕޯޓް ގަވާއިދުތަކާ ޚިލާފަށް އަދި ލައިސަންސް ނެތް ފަރާތްތަކުން ދުއްވާ އުޅަނދުތަކެކެވެ.
މެނޭޖްމަންޓު ޕްލޭންގެ ދަށުން އުޅަނދުތަކުގެ ބުރަފަތީގައި ”ޕްރޮޕެލާ ގާޑް“ ހަރުކުރުން މިމަހުގެ 30 އިން ފެށިގެން ވަނީ މަޖުބޫރުކޮށްފައެވެ.
އެ ސަރަޙައްދަށް ގެސްޓުން ގޮވައިގެންދާ ގައިޑުން މެނޭޖްމަންޓް ޕްލޭނަށް އަހުލުވެރިވުމަށްފަހު ޚާއްޞަ ޓެސްޓެއް ހަދަންޖެހޭނެކަމަށާއި ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ މި ޓެސްޓުން %75 އަށްވުރެ މަތިން މާކްސް ލިބުމުންކަމަށް ވިދާޅުވިއެވެ.




