ޕޭޕަލް ފަދަ ފިންޓެކް ސޮލިއުޝަންތަކަށް ދޭންޖެހޭ ސައިބަރ ސެކިއުރިޓީ ދިނުމަށް ރާއްޖެ ތައްޔާރު ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު ވަނީ ”ޓްރޭޑް ޑެސްކް“ ޕޮޑްކާސްޓުގައި ރާއްޖެއަށް ޕޭޕަލް ފަދަ ޚިދުމަތްތައް ގެންނައިރު ސައިބަރ ސެކިޔުރިޓީގެ ދާއިރާއިން ވެފައިވާ ތައްޔާރީތައް ހިއްސާކުރައްވާފައެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ސަރުކާރުގެ ”މޯލްޑިވްސް 2.0“ ސިޔާސަތު ތަންފީޒުކުރުމުގައިވެސް އެންމެ މުހިންމު އެއް ތަނބަކީ ރާއްޖޭގެ ސައިބަރ ސެކިއުރިޓީގެ މިވަގުތު އޮތް ފެންވަރު މަތިކުރުން ކަމަށެވެ. އަދި ރާއްޖޭގެ ސައިބަރ ސްޕޭސްއަކީ ޕޭޕަލް ފަދަ ފިންޓެކް ސޮލިއުޝަންތައް އަންނައިރު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ނެޓްވަރކް ސްޕޭސްއަކަށް ހެދުމަކީ އިސްކަމެއް ދެއްވައިގެން ސަރުކާރުން ކުރެއްވި މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މޯލްޑިވްސް 2.0 ގެ މިންގަނޑުތަކާ އެއްގޮތަށް ޤާނޫނީ ފްރޭމްވަރކް ހަދައި، ޤާނޫނު ވުޖޫދުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އަދި އެ ޤާނޫނު އައުމުގެ ކުރިންވެސް، ސައިބަރ ސެކިއުރިޓީ އެޖެންސީއެއް ޤާއިމުކޮށް ސައިބަރ އޮޕަރޭޝަން ސެންޓަރަކާއި ފުލުހުންގެ ތެރޭގައި ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރެއްވެސް ޤާއިމުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.



