ކީ ސްޓޭޖް 1ގެ ދަރިވަރުންނަށް ދިވެހި، އިސްލާމް އަދި ހިސާބު މާއްދާ ކިޔަވައިދޭ ވަގުތު އަންނަ އަހަރުން ފެށިގެން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
އަމީނިއްޔާ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 2015 ވަނަ އަހަރު ރާއްޖޭގައި އައު މަންހަޖަށް ކިޔަވައިދޭން ފެށި ފަހުން މިއަދާ ހަމައަށް އައިއިރު، މަންހަޖަށް އެކަށީގެންވާ ބަދަލުތަކެއް ގެނެސްފައި ނުވާ ކަމަށެވެ.
އެހެންކަމުން، ކަރިކިއުލަމުގެ ކޮންޓެންޓް ތަރުތީބުވެފައިވާ ގޮތް އަލުން ބަލައި، އެ ކޮންޓެންޓްތައް މުރާޖައާކޮށް ތަރުތީބުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އައު ކަރިކިއުލަމުގައި ކިޔަވަން ފެށި ކުދިން 2025-2026 ވަނަ އަހަރުގެ ތެރޭގައި ގްރޭޑް 10 ނިންމާފައިވާ އިރު، އެ މުއްދަތުގެ ތެރޭގައި ލިބުނު ނަތީޖާތަކަށް ބަލައި މަންހަޖަށް ގެންނަންޖެހޭ ރިވިޝަންތަކެއް މިހާރު ހަދަމުންދާ ކަމަށެވެ.
މި ބަދަލުތަކާއެކު، ދިވެހި، އިސްލާމް އަދި ހިސާބު މާއްދާގެ އިތުރުން އެކިއެކި ބަސްތައް ދަސްކުރުމަށް ދަރިވަރުންނަށް ލިބޭ ވަގުތު ވެސް އިތުރުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



