އިދިކޮޅު އެމްޑީޕީއަކީ އޮޅިފައި އޮތް ކަންވާރުބޮޅެއް ކަމަށާއި ޕީއެންސީއަކީ އެމްޑީޕީ ފަދައިން އެތެރޭގެ މައްސަލަތައް ބޮޑުވެ ބައިބައިވެފައިވާ ޕާޓީއެއް ނޫންކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ ޕީއެންސީގެ އެތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަމަށް ސިފަކުރައްވައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކީ ހަގީގަތާ ހިލާފު ކުށްހީއެއްކަން ފާހަގަކުރައްވަމުން، ޚަލީލް ވިދާޅުވީ ޕީއެންސީގެ ސަފުތައް ކުރިއަށް އޮތް ތަނުގައިވެސް ދާނީ އިތުރަށް ބަދަހިވެ ވަރުގަދަވަމުން ކަމަށެވެ.
މީގެ އިތުރުން، ޚަލީލް ވަނީ ޕީއެންސީގެ މައިގަނޑު އަސާސްތަކާއި އަމާޒުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެ ޕާޓީއަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އެންމެ އިސްކަންދޭ، އަދި ދިވެހި ރައްޔިތުންނާއި ގައުމުގެ މަސްލަހަތު ކުރިއެރުވުމަށް މަސައްކަތްކުރާ ސިޔާސީ ފިކުރުކަމަށް ވިދާޅުވިއެވެ.
ރާއްޖެ މިހާރު ވެއްޓިފައިވާ ދަރަނީގެ އަނދަވަޅުން ސަލާމަތްކޮށް، އިގުތިސާދީ ގޮތުން ގައުމު އާ މިސްރާބަކަށް ގެންދިއުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަން ޚަލީލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އުމްރާނީ ތަރައްގީގެ އިތުރުން ފަރުދުންގެ ފުދުންތެރިކަން އިތުރުކުރުމަށް ޕީއެންސީން ހާއްސަ ސަމާލުކަމެއް ދޭކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.




