ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކާއި ވަރީގެ ސަބަބުން އެންމެ ބޮޑު ނިކަމެތިކަމަކާ ކުރިމަތިލާންޖެހެނީ ކުޑަކުދިންނަށް ކަމަށް، ހެލްތު މިނިސްޓަރ ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ޢާއިލީ ދިރިއުޅުމުގައި ކުރިމަތިވާ ނާޒުކު ޙާލަތްތަކާ ގުޅޭ ދިރާސާ ރިޕޯޓަކާއި ފެމިލީ މީޑިއޭޝަން ޕްރޮގްރާމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ކައިވެނި ރޫޅުނު ކަމުގައި ވިޔަސް، ދަރިންނާމެދު އަދާކުރަންޖެހޭ މައިންބަފައިންގެ ވާޖިބުތަކަށް ނިމުމެއް ނާދެއެވެ. އަދި އެކަންކަން ފުރިހަމަކުރުމަށްޓަކައި ދެ ފަރާތުގެ ގުޅިފައިވާ މަސައްކަތާއި އެއްބާރުލުން ނުހަނު ބޭނުންތެރިކަމަށް އެކަމަނާ ވިދާޅުވިއެވެ. ޢާއިލާގެ ތެރޭގައި އުފެދޭ ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑެތި މީހުންނަށްވުރެ ފުން ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތަކެއް ތަޙައްމަލުކުރަން ޖެހެނީ މައުސޫމް ކުދިންނަށްކަން މިނިސްޓަރުގެ ވާހަކަފުޅުގައި ތަފްސީލުކޮށްދެއްވިއެވެ.
ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ބަދަހި ޢާއިލީ ގުޅުންތަކެއްގެ މަތީގައިކަން ހަނދާންކޮށްދެއްވަމުން، މައްސަލަތައް ޙައްލުކުރުމަށް އެހީތެރިވެދޭނެ ފަންނީ މީޑިއޭޓަރުންގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ކުދިންގެ ކުރިމަގަށް ހުރަސްއެޅޭ ފަދަ ނާޒުކު ފައްތަރުތަކާ ޢާއިލާތަކުން ކުރިމަތިލަނީ ހަމައެކަނި ވަރިއާ ހަމައިން ނޫންކަމަށާއި، އެހެންކަމުން މިފަދަ ދަނޑިވަޅުތަކުގައި މަގުދައްކައިދޭނެ ތަމްރީނު ލިބިފައިވާ ފަރާތްތަކެއް ތިބުން މުހިންމު ކަމަށެވެ.
މިހާރު ރާއްޖޭގެ ޙާލަތު އޮތްގޮތުން، ދެމަފިރިންގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުންތައް ގޯސްވެ، ވާހަކަ ނުދެކެވޭ ހިސާބަށް ދިއުމުގެ ކުރިން މައްސަލަ ޙައްލުކޮށްދޭނެ ނިޒާމެއް މާލެ ފިޔަވައި އެހެން ރަށްރަށުގެ ކޯޓުތަކަކު ނެތެވެ. މިކަމަށް ނިމުމެއް ގެނެސް، މައްސަލަތައް ގޯސްވުމުގެ ކުރިން ފިޔަވަޅު އެޅުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ޚާއްޞަ މަސައްކަތްތަކެއް ފަށާފައެވެ.




