ގޭބިސީގެ އާމްދަނިއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ، މި ހަފުތާގައި އައްޑޫ ސިޓީ ހިމެނޭހެން 3 އަތޮޅެއްގައި ފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފިއެވެ.
ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭއަކީ، ކޮންމެ 5 ނުވަތަ 6 އަހަރަކުން ކުރިއަށްގެންދާ ސަރވޭއެކެވެ.
އެންމެ ފަހުން މިފަދައިން އާމްދަނީއާއި ގުޅޭ ސަރވޭ ކުރިއަށް ގެންދިޔައީ 2019 ވަނަ އަހަރުއެވެ.
މިފަހަރުގެ ސަރވޭ ފެށީ، މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ. މިއީ، މުޅި ރާއްޖެ ހިމެނޭހެން ކުރިޔަށް ގެންދާ ސަރވޭއެކެވެ. މި ސަރވޭއަށް މައުލޫމާތު އެއްކުރުމުގެ ދެ ބުރެއް މިހާތަނަށް މާލޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަތޮޅުތަކުގައި ސަރވޭގެ މަސައްކަތް ފެށީ މިދިޔަ މަހުއެވެ. އެގޮތުން މިހާތަނަށް ކ އަދި މ އަތޮޅުން ހޮވާލެވުނު ރަށްތަކުގައި ވަނީ ސަރވޭގެ މަސައްކަތް ނިންމާފައެވެ.
ސްޓެޓްސް ބިއުރޯއިން މިހާރު މިވަނީ ސަރެވޭގެ މަސައްކަތް އައްޑޫ ސިޓީ، ލ.އަތޮޅު އަދި ނ.އަތޮގައި ފަށަން ތައްޔާރުވެފައެވެ. މި އަތޮޅުތަކުން ހޮވާލެވުނު ރަށްތަކުގައި، މިމަހުގެ 28ގެ ނިޔަލަށް ސަރވޭގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.
ސަރވޭގެ މަޤުސަދު:
* ގޭބިސީގެ އެވްރެޖް ޚަރަދާއި އެކި ކަންކަމަށް ޚަރަދުކުރާ މިންވަރު ދެނެގަތުން
* ރާއްޖޭގެ ފަޤީރު ކަމުގެ މިންގަނޑު އެކުލަވާލުން
* ބާޒާރުގެ އަގުތަކުގެ މިންގަނޑުގެ (ސީ.ޕީ.އައި)ގެ ބުރަދަން އިސްލާހުކުރުން
* ގޭބިސީގެ އެވްރެޖު އާމްދަނީއާއި ޚަރަދުތައް ބެހިފައިވާ ގޮތުގެ ފަރަގު ހާމަވާ މިންގަނޑުތައް އެކުލަވާލުން




