މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިއަދު ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާގެ ޝަރަފު ހޯދާފައިވަނީ ސްޕެއިންގެ ރައްޔިތެއް ކަމަށްވާ އަލްމުދެންޔާ އަރްޓޯނިއޯ އެސްޕާރްސާ އެވެ. އޭނާ ރާއްޖެއަށް އައިސްފައިވަނީ ޤަޠަރު އެއާވޭސްގެ ފްލައިޓެއްގައެވެ.
1 މިލިޔަން ވަނަ ފަތުރުވެރިޔާއަށް ޓޫރިޒަމް މިނިސްޓްރީއާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާ ގުޅިގެން ހޫނު މަރުހަބާއެއް މިއަދު ވަނީ ކިޔާފައެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ބައިވެރިވެ ވަޑައިގެން، 1 މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ދަންނަވާފައިވެއެވެ.
މިއަހަރުގެ 1 މިލިޔަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު ކުޑަތަންކޮޅެއް ލަހުންނެވެ. މިގޮތުން މިދިޔަ އަހަރު 1 މިލިޔަން ފަތުރުވެރިން ހަމަވެފައިވަނީ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ. މިކަމުގެ މައިގަނޑު ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ މެދު އިރުމަތީގައި ކުރިއަށްދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތަރުފަތުރަށް އައިސްފައިވާ ލޮޅުމެވެ.

އެހެން ނަމަވެސް، 2024 ވަނަ އަހަރާ އަޅާބަލާއިރު މިއަހަރު މި އަދަދު ހަމަވެފައިވަނީ އަވަހަށެވެ. 2024 ވަނަ އަހަރު ރާއްޖެއަށް 1 މިލިޔަން ފަތުރުވެރިން ހަމަވެފައިވަނީ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ.
މިހާރު ދުނިޔެއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ސަރުކާރުން ދަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެކި ފަރާތްތަކާ ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.



