އިސްލާމްދީން ކުރިއެރުވުމުގައި ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޝައިހް އިސްމާއިލް މުހައްމަދު (ތޮއިބާ ޝައިހު) އުމުރުން 85 އަހަރުގައި ރޭ އަވަހާރަވެއްޖެއެވެ.
އިސްލާމްދީނަށް މީހުން ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ އިލްމު އުގަންނައި ދެއްވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ޝައިހު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.
ދ. މީދު އަށް އުފަން، މއ. ފީރޯޒްވާދީ، ޝައިހު އިސްމާއިލަށް ވަނީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނަށް ހިދުމަތް ކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފަ އެވެ. އަދި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު ވެސް ޝައިހު އިސްމާއިލަށް މިދިޔަ އަހަރުގެ އޭޕްރީލް 19 ވަނަ ދުވަހުގެ ރޭ އެރުވިއެވެ.
އިސްލާމީ ތައުލީމު އުގަންނައި ދިނުމުގައި ބައި ގަރުނަށް ވުރެ ގިނަ ދުވަސް ހޭދަކުރެއްވި ޝައިހު އިސްމާއިލް އަވަހާރަވިއިރު އޭނާގެ އަމިއްލަ ހަރަދުގައި ހުޅުމާލެ 1 ގައި އަންނަނީ މިސްކިތެއް އިމާރާތް ކުރަމުންނެވެ. ކުރިން މާލޭގައި މަޝްހޫރުވި ތޮއިބާ ސްކޫލް ވެސް ހިންގެވި ތޮއިބާ އިސްމާއިލް އިމާރާތް ކޮށްދެއްވަމުން ގެންދަވާ މިސްކިތުގެ ނަން ނިސްބަތް ކުރައްވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން އާއިޝަތުގެފާނަށެވެ.
އެ މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ މިދިޔަ އަހަރުގެ މާޗު މަހުގެ ފަސްވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ޝައިހު އިސްމާއިލްގެ އަމިއްލަ ހަރަދުގައި މިސްކިތެއް ބިނާކުރުމަކީ އޭނާ ވަރަށް ކުރިއްސުރެ ފެށިގެން ކުރައްވަން ބޭނުންވި ކަމެކެވެ.
ތޮއިބާ ޝައިޚްގެ މޫނު ދެއްކުން މިއަދު ހެނދުނު 8:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށް އެބަދެއެވެ. ޝައިޚްގެ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. ފަސްދާނުލެއްވުން އޮތީ ގަލޮޅު ސަހަރާގައެވެ.



