ކުޅުދުއްފުށި ސިޓީގައި ދެމުން ދިޔަ ޓްރާންސްޕޯޓުގެ ޚިދުމަތްތައް މިދިޔަ ބުދަ ދުވަހުން ފެށިގެން ހުއްޓާލިކަން ލޯކަލް ގަވަމަންްޓް އޮތޯރިޓީ (އެލްޖީއޭ)ގެ އެ ރަށު ބްރާންޗުން އެންގީ ހުއްދަ ނުހޯދައި ކަމަށާއި، ކުރިޔެކޭވެސް އެއްގޮތަށް ހުރިހާ ޚިދުމަތްތަކެއް ދިނުމަށް މިހާރު އަންގައިފައިވާ ކަމަށް، އެ އިދާރާގެ ސީއީއޯ މުޙައްމަދު ނިމާލް މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފުތާގައި އެލްޖީއޭގެ ކުޅުދުއްފުށީ ބްރާންޗުން ވަނީ، ލާމަރުކަޒީ ގާނޫނަށް އައި ބަދަލުތަކާ ގުޅިގެން، އެ ބްރާންޗުން ދެމުން ގެންދިޔަ ޓްރާންސްޕޯޓުގެ ޚިދުމަތްތައް ބުދަ ދުވަހުން ފެށިގެން ހުއްޓާލިކަން އަންގައިފައެވެ.
އެނގިފައިވާ ގޮތުގައި އެލްޖީއޭގެ އެ އެންގުމާއެކު، އެ ސިޓީން ދެމުން ދިޔަ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ހުއްޓާލާފައެވެ.
މިކަމާ ގުޅޭގޮތުން އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ނިމާލް ވިދާޅުވީ، ކުޅުދުއްފުށީގެ ބްރާންޗަށް އެފަދަ އިއުލާނެއް ނުނެރެވޭނެ ކަމަށާއި، އެ ބްރާންޗުން ޚިދުމަތް ހުއްޓާލިކަން އެނގުނީ އިއުލާން ނެރުނު ފަހުން ކަމަށެވެ.
”މި ބަންދުގައި އޮފީސް ހުޅުވެންވާއިރަށް ޚިދުމަތް ކުރިޔެކޭވެސް އެއްގޮތަށް ދޭން ވާނީ އެލްޖީއޭގެ ހުރިހާ ބްރާންޗްތަކަކަށް އަންގައިފައި،“ ނިމާލް ވިދާޅުވިއެވެ.
ރައްޔިތުންނަށް ދޭ ޚިދުމަތްތައް ހުއްޓާލަން އެއް އިރެއްގައިވެސް އަންގަވައިފައި ނޯންނާނެ ކަމަށާއި، ޚިދުމަތްތަކުން ރައްޔިތުން މަހްރޫމުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް ނިމާލް ވިދާޅުވިއެވެ.




