މިއަހަރުގެ ބަޖެޓުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި ހިލޭ އެހީގެ މިންވަރަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާކަން ފިނޭންސް މިިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީއިން އާންމުކުރި ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މި ހިނގާ ޖޫން މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 393.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިއަހަރުގެ ބަޖެޓުގައި މި ދާއިރާއިން ލިބޭނެ ކަމަށް އަންދާޒާކުރި 373.6 މިލިއަން ރުފިޔާއާ އަޅާބަލާއިރު 5.3 ޕަސެންޓްގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 128.7 މިލިއަން ރުފިޔާއެވެ.
މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޖުމްލަ އާމްދަނީއަށް ބަލާއިރުވެސް މިދިޔަ އަހަރަށްވުރެ މިއަހަރު ލިބުނު މިންވަރު ވަނީ އިތުރުވެފައެވެ.
އެގޮތުން އަހަރުގެ މިހާތަނަށް 19 ބިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 17.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10 ޕަސެންޓްގެ އިތުރުވުމެކެވެ. ސަރުކާރުން އަންދާޒާކުރާ ގޮތުގައި މިއަހަރު ނިމޭއިރު ޓެކްސް އާއި އެހެނިހެން ގޮތްގޮތުން ޖުމްލަ 40.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެއެވެ.
ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޓެކްސް އާމްދަނީއަށް ބަލާއިރު، ޖުމްލަ އާމްދަނީގެ 78 ޕަސެންޓް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއެވެ. މިދިޔަ އަހަރު 13.2 ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ލިބުނު ނަމަވެސް، މިއަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 14.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.
އާމްދަނީ އިތުރުވުމުގެ އެންމެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޓީޖީއެސްޓީ އާއި އާންމު ޖީއެސްޓީ އަށް އައި ހެޔޮ ބަދަލެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 5 ބިލިއަނުން 6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.5 ބިލިއަން ރުފިޔާއަށް އަރާފައެވެ.




