ރާއްޖޭން މަހަކު 63 ޓަނުގެ މޫދު ވިނަ އެކްސްޕޯޓު ކުރާ ކަމަށާއި އުއްމީދަކީ އެ ވިޔަފާރިން، ކަޅުބިލަމަހުގެ މަސްވެރިކަމާ އެއްވަރުގެ އާމްދަނީއެއް ލިބުން ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްތަލިބު ވިދާޅުވީ، ރާއްޖޭގައި މޫދުވިނަ އާލާކުރުމުގެ މަސައްކަތް ކުންފުންޏަކުން ތަޖުރިބާކޮށްފައިވާ ކަމަށާއި އެ މަސައްކަތް ވަރަށް ކާމިޔާބު ކަމަށެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި، ބ. ފެހެންދޫގައި އެ މަސައްކަތް ފެށީ 100 ވަރަކަށް ކިލޯގެ މޫދުވިނަ އާލާކުރަން ކަމަށެވެ. އެކަމަކު، މިހާރު 63 ޓަނުގެ މޫދުވިނަ އާލާކޮށް، އެކްސްޕޯޓު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، މިއީ ރަނގަޅު އިންވެސްޓުމަންޓެއްގެ ގޮތުގައި ސިފަކުރައްވައި، އޭނާ ވަނީ މިހާރު މަސައްކަތް ކުރަނީ މުޅި ރާއްޖެއަށް މޫދު ވިނަ އާލާކުރުމުގެ މަސައްކަތް ފުޅާކުރަންކަން ހާމަކުރައްވާފައެވެ.
މިގޮތުން، އުއްމީދަކީ މި މަސައްކަތް ފުޅާވެ، ކަޅުބިލަމަހުގެ މަސްވެރިކަމާ އެއްވަރުގެ އާމްދަނީއެއް ނުވަތަ އެއަށް ވުރެ ބޮޑު އާމްދަނީއެއް ކައިރި މުސްތަގުބަލެއްގައި ލިބުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މެރިކަލްޗާއަށް ޚާއްސަ ސަރަހައްދުތަކެއް ކަނޑައަޅާފައި އެބަހުއްޓެވެ. އޭގެތެރޭގައި، ކ. މަނިޔަފުއްޓާއި މ. އަތޮޅާއި ބޮޑު ތިލަދުންމައްޗާއި ތ. އަތޮޅު ހިމެނެއެވެ.
ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް 2024 ވަނަ އަހަރު ވިދާޅުވެފައިވާ ގޮތުގައި، ރާއްޖެއަށް މަސް ބޭރުކޮށްގެން ލިބޭ އާމްދަނީ ގާތްގަނޑަކަށް 90 މިލިއަން ޑޮލަރަށް އަރައެވެ. އޭގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ކަޅުބިލަމަހެވެ.



