ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
މި ތަކެތި އަތުލައިގަތީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފް ތަކެތި ހުރެދާނެކަމަށް ބެލެވިގެން އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
ކަސްޓަމްސް އިން މިއަދު ބުނީ، ”ޖެނެރަލް ކާގޯ“ ގެ ގޮތުގައި ޑިކްލެއަކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކުރިއިރު، އެ ޝިޕްމަންޓުގެ ތެރޭގައި ފޮރުވާފައި ހުރި ޖުމްލަ 6,328 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށެވެ. މި ތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ކަސްޓަމްސްއިން ބުނީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މިއީ ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމި ތާރީހް ކަމަށްވާ ނޮވެމްބަރު 15، 2024 ގެ ފަހުން އަތުލައިގަނެވުނު ޝިޕްމަންޓެކެވެ.
މި މަހުގެ ތެރޭގައި ކަސްޓަމްސް އިން ވަނީ ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގެންފައެވެ. އެގޮތުން މި މަހުގެ 18 ވަނަ ދުވަހު 15,601 ކާޓްރިޖް އަތުލައިގެންފައިވާއިރު، މިއީ މަނާކުރި ފަހުން އަތުލައިގަނެވުނު އެންމެ ބޮޑު ޝިޕްމަންޓެވެ.
މީގެ އިތުރުން މި މަހުގެ ފަސް ދުވަހެއްގެ މަތިން ހިންގި އޮޕަރޭޝަންތަކުގައި ޖުމްލަ 22,309 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.




