އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ދަރިވަރުންތަކަކަށް ސަނަދު ނުވަތަ ސެޓްފިކެޓްތަކެއް ދޫކުރި މައްސަލައެއް ތަކުރާރު ކުރުމުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެ ކޮލެޖު މިއަދު ޖޫރިމަނާ ކޮށްފިއެވެ.
އެމްކިއުއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީ ލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައަކާ ގުޅިގެން، މި އަހަރުގެ ކުރީކޮޅު އެ މަރުކަޒަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ.
ނަމަވެސް، އެ ފިޔަވަޅަށް ފަހު ވެސް ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް އެ ކޮލެޖުން ސަނަދު ދީފައިވާކަން އެ އޮތޯރިޓީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށް އެމްކިއުއޭގެ ބަޔާނުގައި ބުންޏެވެ. އެހެންވެ، އެކަން ތަކުރާރު ނުކުރުމަށް އެވިޑް ކޮލެޖަށް އަންގައި، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފަޔާ އެކު، ދެވަނަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖު މިހާރު ވަނީ ޖޫރިމަނާކޮށްފައެވެ. އެކަމަކު ޖޫރިމަނާ ކުރި ސީދާ އަދަދެއް އެ އޮތޯރިޓީން ހާމައެއް ނުކުރެއެވެ.
އެމްކިއުއޭ އިން ބުނީ އެ އޮތޯރިޓީގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެ އިން ބޭރުގައި ހިންގުމާ ބެހޭ ގަވާއިދާ ހިލާފަށް ޕްރޮގްރާމްތައް ހިންގުމަކީ މަނާ ކަމެއް ކަމަށެވެ. މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގެ ފެންވަރާ މެދު ބައިނަލްއަގުވާމީ މަސްރަހުގައި އޮންނަ އިތުބާރު ކުޑަވެ، ރާއްޖޭގެ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ސައްހަ ކަމާ މެދު ސުވާލު އުފެދުމުގެ ފުރުސަތު ބޮޑުވާކަން އެ އޮތޯރިޓީން ފާހަގަކުރިއެވެ.
މި މައްސަލަ އެންމެ ފުރަތަމަ ފަޅާއެރީ ސްރީ ލަންކާގެ ”އެމަޒޯން ކޮލެޖް“ އާއި ”އަލްޒެޓް ޔުނިވާސިޓީ“ އާ ގުޅިގެން އެވިޑްގެ ޕްރޮގްރާމްތަކެއް ހުއްދަ ނެތި ހިންގައި، އެ ތަންތަނުން ހޯދާފައިވާ ސަނަދުތަކުގެ ސައްހަކަން ކަށަވަރުކުރަން އެމްކިއުއޭ އަށް ހުށަހެޅުމުންނެވެ. އެކަމާ ގުޅިގެން މިދިޔަ ޖެނުއަރީ މަހު އެވިޑް ކޮލެޖަށް ފުރަތަމަ ފިޔަވަޅު އަޅާފައިވެއެވެ.
އެ ފަހަރު އެވިޑް ކޮލެޖުން ބުނެފައި ވަނީ ގަވާއިދާ ހިލާފަށް އެއްވެސް ކޯހެއް ނުހިންގާ ކަމަށާއި އެމްކިއުއޭގެ އިއުލާނަކީ އެ ކޮލެޖުގެ ނަން ކިލަނބުކުރުން ކަމަށެވެ. ނަމަވެސް އެމްކިއުއޭ އިން މިހާރު ވަނީ ކަންކަން އިސްލާހު ނުވުމުގެ ސަބަބުން ދެވަނަ ފިޔަވަޅެއްގެ ގޮތުން ޖޫރިމަނާ ކޮށްފައެވެ.
އެމްކިއުއޭ އިން ވަނީ އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ކުރިން ނުވަތަ ހިންގުމުގެ ކުރިން، އެއީ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ޕްރޮގްރާމެއްކަން ވެބްސައިޓް މެދުވެރިކޮށް ކަށަވަރުކުރުމަށް އާންމުންނަށާއި ތައުލީމީ މަރުކަޒުތަކަށް އިލްތިމާސްކޮށްފައެވެ.





2 Comments
ރާއްޖޭގެ ބޭރުގައި ހިންގާނީ އެ ޤައުމެއްގެ ހުއްދަ ނަގައިގެންނޫންތޯ! އަޅުގަނޑުމެން ރާއްޖެ އާ ދެން ކޮންކަމެއްތޯ
ވިލާ ކޮލެޖުގެ މައްސަ ތިޔަފަރާތުން ނުބަލާ ! މައްސަލަ ލީ ވެސް އަޅުނގަޑު ރއްޖޭގެ ޤާނޫނާ ޙިލާފު ވެގެން ގޮސްއޮތީ! ނުބައްލަވާ! މީހަމަ ޒާތީ ކަމެއް!
ބަންދު ކޮށްބަލަ