ފުށިދިއްގަރުފަޅުގައި ފެށުމަށް ނިންމާފައިވާ ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢަށް ތައްޔާރުވުމުގެ ގޮތުން ބިން ބޮޑެތި ރަށްރަށުގައި ދަނޑުވެރިކަމުގެ ޕައިލެޓް ޕްރޮގްރާމްތަކެއް ކުރިއަށްގެންދަން ނިންމާފައިވާކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ހާމަކޮށްފިއެވެ.
ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދެއް ޤާއިމްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު 2024 ވަނަ އަހަރުވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ.
ދައުލަތުގެ މީޑިއާއިން ދެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަސަން ދީދީ ވިދާޅުވީ އެ މަޝްރޫޢު ކުރިއަށްގެންދިޔުމަށްޓަކައި ޕްރޮޕޯސަލް ތައްޔާރުކޮށް ޑީޓެއިލް މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އަދި މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ތަން ބަދަލުވުމުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރަމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަޙްމަދު ޙަސަން ދީދީ ވިދާޅުވީ އެ މަޝްރޫޢު ފެށުމުގެ ކުރިންވެސް ދަނޑުވެރިކަމުގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އޭގެ ތެރެއިން އެއްކަމެއްގެ ގޮތުގައި ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވި ބިން ބޮޑެތި ރަށްރަށުގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ދަނޑުވެރިކަމުގެ ޕައިލެޓް ޕްރޮގްރާމްތަކެވެ. މިޕްރޮގްރާމްވާނީ އެ މަޝްރޫޢު ފަށާއިރު އެއަށް އެއްބާރުލުން ދޭ ބައެއްގެ ގޮތުގައިކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
”ކައުންސިލްތަކާއެކު ދިގު މުއްދަތެއްގެ އެއްބަސްވުންތަކެއް ހަދައިގެން ބިން ހޯދުމުގެ މަސައްކަތްތައް ކުރާނެ. ސްމާޓް ފާމިން، ވާޓިކަލް ފާމިން ފަދަ ކަންކަން ހިމެނޭނެ. ކާށިދޫއާއި ކެލާގައިވެސް މިފަދަ މަސައްކަތްތަކެއް ފެށޭތޯ ފުރުޞަތުތަކެއް ދީފައި ހުންނާނީ. ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދާއިރު ދަނޑުވެރިކަމަށް ވަކި ސަރަޙައްދުތަކެއް އެހެން ކަނޑައަޅާފައި ނެތުމުން ބައެއް ބަދަލުތައް ގެންނަން ޖެހުމުން ލަސްތަކެއް ކުރިމަތިވަނީ“ އެގްރިކަލްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަސަން ދީދީ ވިދާޅުވިއެވެ.




