އަލަށް ވިހެއި ތުއްތުކުއްޖަކު މަރާލިކަން ސާބިތުވެ، އެ ކުއްޖާއަށް މާމަކިޔާ ދިވެހި އަންހެނަކަށް 3 އަހަރުގެ ޖަލު ހުުކުމެއް އިއްވައި، އަދި ހަމަ މި މައްސަލައިގައި އެ ކުއްޖާގެ ބައްޕަގެ މައްޗަށް 5 އަހަރުގެ ޖަލު ހުުކުމެއް އިއްވައިފިއެވެ.
މި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ ކޮށްފައިވަނީ ގްރީންލައިޓް، އދ. މާމިގިލި / އާއިޝަތު ޝާއިރާ އާއި ސޯސަންވިލާ، ތ. މަޑިފުށި / މުހައްމަދު އިމްތިޔާޒް ގެ އިތުރުން ޝެޑޯ، ހއ. ފިއްލަދޫ / މޫސާ އަހްސަމް ގެ މައްޗަށެވެ.
ޝާއިރާގެ މައްޗަށް ކޮށްފައިވަނީ، އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެ ކަން ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާއެވެ.
އިމްތިޔާޒްގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އަދި އަހްސަމްގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
މި ހާދިސާގައި ވިހެއުމާ އެކު މަރާލި ކަމަށް ބުނާ ކުޑަކުއްޖަކީ ޝާއިރާގެ 18 އަަހަރުގެ ނުފުރޭ އަންހެން ދަރި އާއި އަހުސަމަށް ކައިވެނީގެ ބޭރުން ލިބުނު ދަރިއެކެވެ. އިމްތިޔާޒަކީ ޝާއިރާގެ ލޯބިވެރިޔާއެވެ.
ކުޑަކުއްޖަކު މަރާލި މައްސަލައަކާއި ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި ކަމަށް ބުނާ މައްސަލައަކަށް ވާތީ މި މައްސަލައިގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުން ބޭއްވީ އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެންނެވެ. އަދި ޝަރީއަތް ނިމުނުގެ ގޮތުގެ ރިޕޯޓް ވެސް ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި އާންމުކޮށްފައެއް ނުވެއެވެ.
ނަމަވެސް ޝަރީއަތް ނިމުމުން ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި އެ ތިން މީހުންގެ މައްޗަށް ކަނޑައެޅި ޖަލު އަދަބު އާންމުކޮށްފައިވެއެވެ.
އެގޮތުން ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެ ކަން ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާއަށް ޝާއިރާގެ މައްޗަށް އިއްވީ 6 މަސްދުވަހުގެ ޖަލު ހުކުމެކެވެ. އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއަށް ޝާއިރާއާއި އިމްތިޔާޒުގެ މައްޗަށް އިއްވީ 2 އަހަރާއި 6 މަސްދުވަހުގެ ޖަލު ހުކުމަކާއި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސްދުވަހު ރޯދަ ހިފުމަށެވެ.
މީގެއިތުރުން، އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއަށް އަހުސަމްގެ މައްޗަށް އިއްވީ 5 އަހަރުގެ ޖަލު ހުކުމެކެވެ. އޭގެ ތެރެއިން އޭނާ ބަންދުގައި ހުރި ދުވަސްތައް އުނިކުރުމުން ޖަލު ހުކުމުން ތަންފީޒުކުރަން ޖެހެނީ 3 އަހަރާއި 7 މަސްދުވަހެވެ. އަހުސަމް ވެސް ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސްދުވަހު ރޯދަ ހިފުމަށް ހުކުމްކޮށްފައިވެއެވެ.




