ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން އަޑުއުފުއްލަވަނީ، އެ ބިލް ފާސްވެ ގާނޫނަކަށް ވުމުން ދައުލަތުގެ ތެރެއިން ވައްކަން ކުރުމަށް އޮތް މަގުތައް ބަންދުވެގެންދާނެތީ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ތުހުމަތު ކުރައްވައިފިއެވެ.
މަޖިލިސް ތަޅުމުގައި މި ބިލަށް ބަހުސްކުރައްވަމުން މެންބަރު ޝުޖާއު ވިދާޅުވީ، ދައުލަތުގެ ނިޒާމުގެ ތެރެއިން ހިންގާ ކޮރަޕްޝަންތައް ހުއްޓުވުމަކީ މި ބިލުގެ މައިގަނޑު އެއް މަގުސަދު ކަމަށެވެ.
ޚާއްސަކޮށް ޕްރޮކިއުމަންޓް ފަދަ މުހިންމު މަރުހަލާތަކުގައި އިންސާނީ ތަދައްޚުލުވުން ކުޑަކޮށް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ކަންކަން ހިންގަން ފެށުމުން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ނެތިގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މުސްތަގުބަލުގައި އެމްޑީޕީއަށް ވެރިކަން ލިބުނަސް ވައްކަން ނުކުރެވޭނެތީ އެކަމާ އެ ފަރާތްތަކުން ކަންބޮޑުވަނީކަމަށް އޭނާ ވިދާޅުވިއެވެ.
މި ބިލުގެ ސަބަބުން އިލެކްޓްރޯނިކް ވޯޓިންއަށް މަގުފަހިވާނެކަމަށް ބުނެ އިދިކޮޅު މެންބަރުން ދައްކަވާ ވާހަކަތަކަށް ރައްދުދެއްވަމުން ޝުޖާއު ވިދާޅުވީ، މިއީ އެފަދަ އެއްވެސް ކަމެއް އެކުލެވިގެންވާ ބިލެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިއީ ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، އެއް ވުޒާރާއާއި އަނެއް ވުޒާރާ ގުޅާލައި ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ފަރުމާކޮށްފައިވާ ބިލެއްކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ ސަރުކާރުތަކުގައި ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރިކުރެވިފައި ނުވާކަމަށް ޝުޖާއު ފާޑުވިދާޅުވިއެވެ. އައިޖީއެމްއެޗްގެ ބަލިމީހުންގެ ރެކޯޑުތަކާއި ފުލުހުންގެ ތަހުގީގުތަކާ ގުޅޭ ބަޔާންތައް މީގެ ކުރިން ލީކުވެފައިވާކަން ހަނދާން އާކޮށްދެއްވަމުން އޭނާ ވިދާޅުވީ، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ގާނޫނީ އޮނިގަނޑެއް ވުޖޫދުވުމުން ރައްޔިތުންގެ ސިއްރު މައުލޫމާތުތައް ފުރިހަމައަށް ހިމާޔަތްކުރެވި، ޖަވާބުދާރީކުރުވަނިވި ނިޒާމެއް ގާއިމުވެގެންދާނެ ކަމަށެވެ.



