އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގައި އޭނާގެ ފިރިމީހާ މާވިން އެސްވައި (މިހާރުގެ ނަމުން ޔޫސުފް) އާއެކު ބައިވެރިވި މައްސަލާގައި ދަައުވާލިބޭ ހަލީމަތު ލަމްހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މޭރީ މަރާލި މައްސަލައިގައި މާވިންގެ މައްޗަށް، އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. މި ކުށް މާވިންގެ މައްޗަށް ސާބިތުވާ ކަމަށް މިއަދު ކަނޑައެޅިއިރު، އަދަބާ މެދު ވާހަކަ ދެއްކުން އޮތީ އެހެން ދުވަހަކު ކުރިއަށް ގެންދަން ނިންމާފައެވެ.
މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން، މަރާލާފައިވަނީ 19 އޮކްޓޫބަރު 2021 ގައެވެ. މި މައްސަލައިގައި ބަންދުގައި ހުރެ، މާވިން އިސްލާމްވެ، އޭނާގެ ނަން މިހާރުވަނީ ޔޫސުފްއަށް ބަދަލުކޮށްފައެވެ. މާވިން އިސްލާމްވެއްޖެކަން، އިސްލާމިކް މިނިސްޓްރީންވަނީ ކޯޓަށްވެސް އަންގާފައެވެ.
މޭރީ ދަންޖެހިގެން މަރުވީ ކަމަށް ބުނެ އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ފުލުހުންގެ ތަހުގީގަށްފަހު، މޭރީ މަރާލީ މާވިން ކަމަށް ދައުލަތުން ތުހުމަތުކުރިއެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން، އެ މައްސަލަ ބައްލަވާ ގާޒީ މުޒައްމިލް ނާޒިމް ވިދާޅުވީ މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭނެ އެއްވެސް ނިޝާނެއް ނެތް ކަމަށް އޭނާއަށް ފަރުވާދިން ޑޮކްޓަރުންގެ ހެކިބަހުގައި ބުނެފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ ބޮލަށް ދިން ހަމަލާތަކުގެ ސަބަބުން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުގައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ މޭރީއަށް ހަމަލާދިން މަންޒަރު ފެނުނު އެއްވެސް މީހަކު ނެތް ނަމަވެސް އޭނާ ދިރިހުއްޓާ އެންމެފަހުން ފެނުނީ އޭނާ ދިރިއުޅުނު ގެއަށް ވަންނަނިކޮށް ކަމަށެވެ. އަދި އޭރު މާވިން ވެސް އެ ގޭގައި ހުރިކަން ހެކިތަކުން އެނގޭއިރު، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބުނެ މާވިން ދެއްކި ވާހަކަތަކަކީ ހަގީގަތް އޮޅުވާލައިގެން ދެއްކި ދޮގު ވާހަކަތަކެއް ކަމަށް ބެލެވޭ ކަމަށް ގާޒީ މުޒައްމިލް ވިދާޅުވި އެވެ.
ގާޒީ ވިދާޅުވި ގޮތުގައި މީހަކު ހާސްކޮށްލާނެ ގޮތުގެ ފޮޓޯތަކެއް މާވިންގެ ފޯނުން ފެނިފައިވާއިރު، އެފަދަ ފޮޓޯތަކެއް ހުންނަންޖެހޭ ސަބަބެއް މާވިންއަށް ބުނެދެވިފައެއް ނުވެ އެވެ. އަދި އެ މައްސަލާގައި ލިބިފައިވާ ހެކިތައް ހުރީ މާވިންއާ ދެކޮޅަށް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ ހަވާލާ ދެއްވައި، މަރުވި މީހާއާ އެކު އެންމެފަހުން އުޅުނު މީހަކީ ގާތިލް ކަމަށް، ގުޅުވާލެވޭ ހެކިތަކުގެ މައްޗަށް ބިނާކޮށް ނިންމިދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި މޭރީ އެންމެފަހުން ދިރިހުއްޓާ ފެނުނީ މާވިންއާ އެކު ކަން ހެކިތަކުން އެނގޭތީ، ގުޅުވާލެވޭ ހެކިތަކުގެ މައްޗަށް ބަލާއިރު މޭރީ މަރާލީ މާވިން ކަމަށް ބަލަންޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެހެންވެ، މާވިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމީ ކަމަށް ގާޒީ ވިދާޅުވި އެވެ.
އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމުން މާވިންގެ ވަކީލް އެދުނީ ދިރާސާ ކުރުމަށް ފަހު އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމަށެވެ. އެހެންވެ، ގާޒީ ވަނީ އެ ފުރުސަތު ދެއްވައިފަ އެވެ.
އެ މައްސަލާގައި އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމާއި އަދަބު ކަނޑައެޅުން އަންނަ މަހުގެ ފުރަތަމަ ދުވަހު ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލާގައި މާވިންގެ އިތުރުން ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުވާކުރެ އެވެ. ލަމްހާއަށް ދައުވާކުރީ މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން، މޭރީ މަރާލުމުގައި ބައިވެރިވި ކަމަށް ބުނެއެވެ.
މާވިންގެ މައްޗަަށް ދައުވާ ސާބިތުވާ ކަމަަށް ނިންމުމަށްފަހު ކްރިމިނަލް ކޯޓުން ނިންމީ ލަމްހާގެ މައްޗަށް ވެސް އެކަމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުވާ ކަމަށެވެ.
މާވިން އާއި ލަމްހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމި ނަމަވެސް އެ ދެ މީހުންނަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ މަހު އެވެ.
ދައުލަތުން ތުހުމަތުކުރި ގޮތުގައި މާވިން އާއި ލަމްހާއާ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވެ އެވެ. އަދި އެ ދެ މީހުން ރާވައިގެން މޭރީ މަރާލީ މާވިން ކަމަށާއި އަދި މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް ބުނެ އެކަން ރިޕޯޓްކުރީ މާވިން ކަމަށް ދައުލަތުން ބުނެ އެވެ.
އެ މައްސަލާގައި މާވިން އާއި ލަމްހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށްފަހު ކްރިމިނަލް ކޯޓުން ފަހުން ލަމްހާ ބަންދުން ދޫކުރި އެވެ. ނަމަވެސް ހައި ކޯޓުން ފަހުން ވަނީ ލަމްހާ އަލުން ބަންދުކުރަން އަމުރުކޮށްފައެވެ.




