ކޮންގޯގައި މިހާތަނަށް 1،003 މީހިންނަށް އެބޯލާ ޖެހިފައިވާ ކަމަށް އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.
މީގެ ތެރެއިން 254 މީހުން މި ބަލީގައި މިހާތަނަށް މަރުވެފައިވާ ކަމަށް ވެސް އެ އިދާރާތަކުން ވަނީ ބުނެފައެވެ.
އެގައުމުގެ އިރުމަތީ ސަރަހައްދުގައި މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު މި ބަލި ހަލުވި ކަމާއެކު ފެތުރެން ފެށިކަން އިއުލާން ކުރި ފަހުން، ޖުމްލަ 100 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް ކޮންގޯގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް، މަދުވެގެން 365 މީހުން މިހާރުވެސް މި ބަލީގައި ހޮސްޕިޓަލްތަކުގައި ނުވަތަ އައިސޮލޭޝަންގައި ތިބި ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިފަހަރު ފެތުރެމުންދަނީ ވެކްސިނެއް ނުވަތަ ވަކި ފަރުވާއެއް ނެތް، މަދުން ނޫނީ ނުފެންނަ ބުންޑިބުގްޔޯ ވައިރަސް ގެ ސަބަބުން ޖެހޭ އެބޯލާގެ އައު ވައްތަރެކެވެ. ބަލި ފެތުރެން ފެށި ފުރަތަމަ މަހު ހާލަތު އެންމެ ނުރައްކާތެރި ދަނޑިވަޅަށް ވެއްޓުނުއިރު، އޮފިޝަލުން އެއްބަސްވާ ގޮތުގައި އަދިވެސް މަޝްރަހު އޮތީ އެ ނުރައްކާތެރި ދަނޑިވަޅުގައެވެ. އަދި މި ބަލީގެ ދެނެގަނެވިފައި ނުވާ ގިނަ ވޭދަނަތަކެއް ހުރި ކަމަށް އޮފިޝަލުން ލަފާކުރެއެވެ.
ބަލި ފެތުރެން މެދުވެރިވި އެންމެ ފުރަތަމަ މީހާ ނުވަތަ ”ޕޭޝަންޓް ޒީރޯ“ ދެނެގަތުމަށް ކުރާ މަސައްކަތް އަދިވެސް ކާމިޔާބުވެފައި ނުވާއިރު، މިދިޔަ ހަފްތާގެ ނިޔަލަށް ބަލިޖެހިފައިވާ މީހުންނާ ކޮންޓެކްޓްވި 35,000 އަށް ވުރެ ގިނަ މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
އެބޯލާގެ މި އައު ވައްތަރު ފެތުރެމުންދާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މި ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތައް އަދިވެސް ނެތް ކަމަށް އޮފިޝަލުން ވަނީ ފާހަގަކޮށްފައެވެ.
މިއީ ބަލި ކޮންޓްރޯލް ކުރުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ކަމާބެހޭ އިދާރާތަކުން ގަބޫލުކުރެއެވެ.




