ޕީއެންސީގެ މެމްބަރުންނާއި ލީޑަރޝިޕާއި ޕާލިމަންޓަރީ ގުރޫޕުގެ އިތުރުން ޕާޓީގައި ހަރަކާތްތެރިވާ ހުރިހާ ބޭފުޅުންގެ ވެސް އޮތީ އެއް ވިސްނުމެއް ކަމަށާއި، އެ ޕާޓީގެ 2028 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް އިކޮނޮމިިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ވާދަވެރީން ޕީއެންސީއަށް އަމާޒުކޮށް ދައްކަމުންދާ އަސާސެއް ނެތް ދޮގު ވާހަކަތަކަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސަޢީދު ވިދާޅުވީ ޕާޓީގެ އެންމެހާ މެންބަރުންގެ އަމާޒަކީ ރައީސް މުޢިއްޒު ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމުގައި އެމަނިކުފާނުގެ ފަހަތްޕުޅުގައި ސާބިތުވެ ތިބުން ކަމަށެވެ.
ޕާޓީގެ އެތެރޭގެ އިންތިޚާބަކުން އެ އަމާޒަށް ބަދަލެއް ނާންނާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރައީސް މުޢިއްޒުގެ ލީޑަރޝިޕްގައި ޕީއެންސީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީއަށް ވުމާއި، ކުރު މުއްދަތެއްގައި އެންމެ ގިނަ އިންތިޚާބު ކާމިޔާބުކުރުމުގެ އިތުރުން މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދުން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން ސަޢީދު ވިދާޅުވީ، އެންމެ ގިނަ ދަރަނި ދައްކައިދީ، އެންމެ ގިނަ ބިން ހިއްކައިދީ، އެއްފަހަރާ އެންމެ ގިނަ މަޝްރޫޢު މުޅި ރާއްޖޭގައި ހިންގައިދޭ ޕާޓީއަށް ވެސް އެންމެ ދެ އަހަރާއި ހަ މަހުން ވެއްޖެ ކަމަށެވެ. މިއީ ރައީސް މުޢިއްޒުގެ ޤާބިލް ލީޑަރޝިޕް ސާބިތުކޮށްދޭ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު އިދިކޮޅު ޕާޓީއެއް ނެތުން ކަމަށެވެ.
އެމްޑީޕީ، ޑިމޮކްރެޓްސް އަދި ޕީއެންއެފް ކޯލިޝަންގައި ވެރިއަކު ފެންނަން ނެތް ކަމަށާއި، އެތަނުން ފެންނަނީ ނަފްރަތާއި ކެހިވެރިކަން ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވިއެވެ.




