ޒަކާތު ސްކޮލަރޝިޕްއަށް ހުށައަޅާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރާ ”ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް“ ލިޔުން ހިމަނައިފައިވީނަމަވެސް، ޕްލޭސްމެންޓް ލެޓަރއެއް އޮތުމަށް އެ އޮތޯރިޓީގެ ފަރާތުން ލާޒިމުކުރާ ކޯސްތަކަށް ޒަކާތު ސްކޮލަރޝިޕް ސްކީމުގެ ދަށުން އެޕްލައިކުރާ ދަރިވަރުން، ސްކޮލަރޝިޕް އެޕްލިކޭޝަން ފޯމާއެކު މި ލިޔުން ހުށަހަޅަން ނުޖެހޭނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ސްކޮލަރޝިޕާއި ޚާއްސަ ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް އެދި ހުށަހެޅުމަށް ޒަކާތު ހައުސްއިން ހުޅުވާލީ މިދިޔަ މެއި މަހުގެ 17ވަނަ ދުވަހުއެވެ. މިސްކޮލަރޝިޕް ޕްރޮގުރާމުގެ ދަށުން މާސްޓާސް ލެވެލް 9 ފުރުސަތާއި ޕީއެޗްޑީއަށް ކިޔެވުމުގެ 10 ފުރުސަތުވަނީ ހުޅުވާލާފައެވެ.
ޒަކާތު ހައުސްއިން ބުނީ ”ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްސަ ސްކޮލަރޝިޕަށް އެދޭ ފޯމު“އާ އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ޗެކްލިސްޓުގައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ)އިން ދޫކުރާ ”ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް“ ލިޔުން ހިމަނައިފައިވީނަމަވެސް، އެ ލިޔުން ހޯދުމަށް ޕްލޭސްމެންޓް ލެޓަރއެއް އޮތުމަށް އެ އޮތޯރިޓީގެ ފަރާތުން ލާޒިމުކުރާ ކޯސްތަކަށް ޒަކާތު ސްކޮލަރޝިޕް ސްކީމުގެ ދަށުން އެޕްލައިކުރާ ދަރިވަރުން، ސްކޮލަރޝިޕް އެޕްލިކޭޝަން ފޯމާއެކު އެ ލިޔުން ހުށަހަޅަން ނުޖެހޭނެކަމަށެވެ.
ނަމަވެސް ޕްލޭސްމެންޓް ލެޓަރ ލިބުމާއެކު އެމް.ކިޔު.އޭ އިން ވީ އެންމެ އަވަސް ފުރުސަތެއްގައި އެ ލިޔުން ހޯދުމަށްފަހު އެ އިދާރާއަށް ހުށަހަޅަން ޖެހޭނެ ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.
އިސްލާމީ ޝަރީޢާ، ޤުރުއާނާ ބެހޭ ޢިލްމު، އިސްލާމީ ތަރުބިއްޔަތު، އިސްލާމީ ދިރާސާ އަދި ޕަބްލިކޭޝަން، އިސްލާމީ ނޫސްވެރިކަން، ޢަޤީދާ، ފިޤުހު، އުޞޫލުލް ފިޤުހު، އަދި އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓުން މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
މީގެއިތުރުން ސްކޮލަރޝިޕަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ދާއިރާއަކީ ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިއެރުމަށާއި ތަރައްޤީއަށް އެހީތެރިވެދޭނެ ދާއިރާއެއްކަން ބަޔާންކޮށްދެވޭ ނަމަ، އެހެނިހެން ދާއިރާތަކުން ކިޔެވުމަށް ވެސް ސްކޮލަރޝިޕަށް އެދި ހުށަހެޅޭނެކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.



