ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އައު ކޯލް ސެންޓަރެއް އައްޑޫ ސިޓީގައި އަންނަ ޖުލައި މަހުގެ ތެރޭގައި ހުޅުވައި، ޚިދުމަތް ދޭން ފެށުމަށް ނިންމައިފިއެވެ.
އެންސްޕާއިން މީސްމީޑިއާގ9 އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި، އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އާމިނަތު ޝިރުނާ ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. ޝިރުނާ ފާހަގަކުރެއްވި ގޮތުގައި، ދެކުނުގެ އެންމެ ބޮޑު އާބާދީ އޮންނަ އައްޑޫގައި މި މަރުކަޒު ހުޅުވިގެން ދިއުމާ އެކު، އާންމުންނަށް ކޯލް ސެންޓަރުގެ ޚިދުމަތްތައް ލިބޭނެ ވަގުތުތައް އިތުރަށް ފުޅާވެގެންދާނެއެވެ. މީގެ ސަބަބުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެޖެންސީއާ މުއާމަލާތްކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެންސްޕާގެ ރަސްމީ ހޮޓްލައިން ނަންބަރު ’1402‘އަށް ގުޅައިގެން ގިނަގުނަ މައުލޫމާތުތަކާއި އެހީތެރިކަން ހޯދޭނެ އިންތިޒާމު މިހާރު ވެސް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި، ބޭސްފަރުވާއަށް އެދޭ ފަރާތްތަކަށް ދޫކުރާ މެޑިކަލް ވެލްފެއަރގެ މައުލޫމާތާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދައުލަތުން ދޭ މާލީ އިނާޔަތްތަކުގެ ތަފުސީލުތައް ހިމެނެއެވެ. މީގެ އިތުރުން، އެކިއެކި އެހީތަކަށް އެދި ހުށަހަޅާ ފޯމުތައް ފުރިހަމަކުރުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް ވެސް މި ނަންބަރު މެދުވެރިކޮށް ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންދާކަން އެ އެޖެންސީން ފާހަގަކުރެއެވެ.



